ޕްރިމިއާ ލީގު: ކޭން ކާމިޔާބު ކޮށްދިން ދެ ގޯލާއި ސިޓީ އަތުން ޓޮޓެންހަމް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވެއްޖެއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން ޓޮޓެންހަމް ސިޓީ އަތުން މޮޅުވީ2-3 ގެ...

20 Feb 2022 | 02:20

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވެއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން ޓޮޓެންހަމް ސިޓީ އަތުން މޮޅުވީ2-3 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލީޑު ނަގާފައެވެ. ކައުންޓަ އެޓޭކެއްގައި ސޮން ހެއުން މިން ހުސްކޮށްލާފައި ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭޖާން ކުލުސެސްކީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 33 ވަނަ މިނިޓްގައި ޓޮޓެންހަމް އޭރިއާތެރެއިން ތަނަވަސްވި ފުރުސަތެއްގައި ސިޓީ އަށް އެއްވަރުކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ އިލްކާއި ގުންޑޮގާން އެވެ.

ދެޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 59 ވަނަ މިނިޓްގައި ޓޮޓެންހަމުން ވަނީ ދެ ވަނަ ފަހަރަށް މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު ޓޮޓެންހަމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭން ކޭން އެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ސިޓީން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އެއްގައި ރިޔާދު މާރޭޒް އެވެ. މިއީ އެރިއާތެރެއިން ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަތުގައި ބޯޅައިން ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ ދިން ޕެނަލްޓީ އެކެވެ. ސިޓީން މެޗުގެ ނަތީޖާ އެއްވަރުކުރިތާ ތިންވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ އެޓީމު މެޗުން މޮޅުވި ލަނޑު ޖަހާފައެވެ. ކުސުލެވްސްކީ ނެގި ހުރަހަކުން މި ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭން އެވެ.

މި ނަތީޖާއާއި އެކުވެސް ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ ކުޅުނު 26 މެޗުން ލިބުނު 63 ޕޮއިންޓާ އެކު އެވެ. ސިޓީ އަތުން މޮޅުވި ޓޮޓެންހަމް އޮތީ ހަތް ވަނައިގައި 23 މެޗުން ލިބުނު 39 ޕޮއިންޓާއި އެކުގައެވެ.

ރޭގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ލިވަޕޫލް ވަނީ 1-3 އިން ނޯވިޗް ސިޓީ ބަލިކޮށްފައެވެ. އަދި ރެލިގޭޝަން ޒޯނުގައި އޮތް ވަޓްފޯޑުން 1-0 އިން އެސްޓަން ވިލާ އަތުން މޮޅުވިއިރު، ބާންލީ ވަނީ 3-0 އިން ބްރައިޓަން އަތުން މޮޅުވެފަ އެވެ. އަދި ސައުތެމްޓަނުން ވަނީ 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ޗެލްސީ ވަނީ 0-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް