ކުއްލި ހާލަތްތަކަށް ދަރިވަރުންނާއި މުވައްޒަފުން ތަމްރީނުކުރުމަށް ހާއްސަ ހަރަކާތްތަކެއް

އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ރައްކާތެރިކަމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާއި ބެހޭ ފަޔާ ޑްރިލް އެއް ހުޅުމާލެ ގާޒީ ސްކޫލްގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ. ރާއްޖޭގެ ސްކޫލްތަކަކީ ދަރިވަރުންނަށް ...

20 Feb 2017 | 17:23

އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ރައްކާތެރިކަމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާއި ބެހޭ ފަޔާ ޑްރިލް އެއް ހުޅުމާލެ ގާޒީ ސްކޫލްގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ރާއްޖޭގެ ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، 966 ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ ގާޒީ ސްކޫލްގައި މިއަދު ހެނދުނު ދަންފަޅީގަ އާއި މެންދުރުފަހު ފަހުގެ ދަންފަޅީގައި ފަޔާ ޑްރިލް އެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

"އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް މާލެ އާއި އަތޮޅުތެރޭގެ 24 ސްކޫލެއްގައި ފަޔާ ޑްރިލްތައް ބޭއްވި ދަރިވަރުންނާއި މުވައްޒަފުން ވަނީ ތަމްރީނުކުރެވިފައި، އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ޑްރިލްތައް އިތުރު ސްކޫލްތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައި" އެޑިއުކޭޝަނުން ހާމަކުރެއެވެ.

މީގެ އިތުރުން ދަރިވަރުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ  މަސައްކަތްތަކުގެ ތެރެއިން، ކުއްލި ހާލަތްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭން ތައްޔާރުކުރެވިފައި ވާކަމުގައި އެ މިނިސްޓްރީން ހާމަކުރެ އެވެ.

އަދި ސްކޫލަކަށް ދިމާވާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ބޭނުންކުރަންވީ ގޮތުގެ މައުލޫމާތާއި ތަމްރީނު ސްކޫލްތަކުގެ މުވައްޒަފުންނަށް ދީފައިވާ އިރު، ސްކޫލްގެ އެމަޖެންސީ އޮޕަރޭޝަން ޕްލޭން ގެ ދަށުން އެފަދަ ހާދިސާ ދިމާވެއްޖެ ނަމަ ކަންތައް ކުރަންވީ ގޮތާއި ބެހޭ ގޮތުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ މުވައްޒަފުންނަށް ވަނީ ތަމްރީނު ދީފައިވާކަމުގައިވެސް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން، އެމްއެންޑީއެފް އާއި ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ސްކޫލްތަކުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ސްކޫލްތަކުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށާއި ސްކޫލްތަކަކީ ވަސީލަތް ހަމަ އަދި ދަރިވަރުންނަށް ރައްކައުތެރި ތަނަކަށް ހެދުމުގެ ގޮތުން މި އަހަރުގެ ދިރާސީ އާ އަހަރު ފެށެންވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށްފައިވާ އިރު، ދަރިވަރުން ސަލާމްތާއި ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ އެއް ތައްޔާރުކުރެވިފައި، 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކެއް ގެ ދަރިވަރުންގެ ހެލްތު ސްކްރީން އަންނަނީ ކުރެވެމުން ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް