ބޮލީވުޑްގެ މަޝްޚޫރު އެކްޓަރ ސައިފް އަލީ ޚާން ގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަން އުޅޭ ވާހަކައަކީ އެކިދުވަސްވަރު މަތިން މީޑިޔާގެ ފަލަ ސުރުޚީތަކަށް އަރާ ގެއްލޭ ވާހަކަތަކެކެވެ. ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނާނީ ކާކުގެ ކޮން ފިލްމަކާމެދުތޯވެސް މީޑިޔާގައި ވަނީ ގިނަ ބަހުސްތަކެއް ކުރެވިގެންގޮސްފައެވެ. ރިތިކް ރޯޝަން އާއެކު ކަރަން މަނޯތްރާގެ ފިލްމަކުން ސާރާ އޭނާގެ ކެރިއަރ ފަށަން އުޅޭ ކަމުގެ ވާހަކަތަކަށް ދެކެވެމުން ދިޔަ ދުވަސްވަރެއްވެސް ދިޔައެވެ. އެވާހަކަތައް ސައިބޯނި ބޮތްކަކަށް ވެގެންގޮސްފައިވާއިރު މިފަހަރު އަނެއްކާވެސް މިވަނީ ސާރާ ބޮލީވުޑަށް ނިކުންނަށް އުޅޭ ވާހަކައިގެ އަޑު ބާރުވެފައެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ސާރާ އޭނާގެ ފިލްމީ ކެރިއަރ ފަށާނީ ކަރަން ޖޯހަރުގެ ފިލްމަކުންނެވެ. މިކަމާގުޅޭގޮތުން ވާހަކަދައްކަމުން ސައިފް ބުނެފައިވަނީ ސާރާ ކަރަން އާއެކު މަސައްކަތްކުރަމުންދާ ކަމަށާއި އެކަމާ އޭނާ އުފާކުރާކަމަށެވެ. އަދި ކަރަން އަށް ތަޢުރީފްކުރަމުން ސައިފް ބުނެފައިވަނީ ކަރަން އަކީ އަލަށް ބޮލީވުޑަށް ނިކުންނަ ކުދިންނަށް އެންމެ ރަނގަޅުވާނެ މީހާކަމަށާއި ކަރަން އޭނާގެ ދަރިފުޅުގެ ފިލްމީ ކެރިއަރ ރަނގަޅުގޮތަކަށް ފަށައިދޭނެކަމަށް ޤަބޫލުކުރާކަމަށެވެ.
ސައިފް މިގޮތަށް ވާހަކަދައްކާފައިވީނަމަވެސް މީގެ ކުރިން ސައިފް ވަނީ ކަރަންގެ ފިލްމަކުން ސާރާގެ ފިލްމީ ކެރިއަރ ފެށުމާއި ދެކޮޅުހަދާފައެވެ. ރިޕޯޓްތައް ބުނާގޮތުން ސައިފް އެގޮތް ބޭނުންވީ ސާރާ ، އާލިއާ ހިނގި މަގުން ހިނގަން ސައިފް ބޭނުންނުވާތީއެވެ. އެހެންނަމަވެސް ކަރީނާ ބޭނުންވީ ސާރާ ކަރަންގެ ފިލްމަކުން އޭނާގެ ފިލްމީ ކެރިއަރ ފަށަންކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮންމެއަކަސް ސައިފްގެ ޚިޔާލު ބަދަލުވީ ކޮންކަމަކާގުޅިގެން ކަމެއް ނޭންގެއެވެ.
ސާރާ ކުޅޭނީ ކަރަންގެ ކޮންމެ ފިލްމެއްކަމެއް އަދި މިހާތަނަށް އިނގިފައިނުވިނަމަވެސް ކަރަން ޖޯހަރުގެ ކުރިޔަށް ނިކުންނަން ހުރި ފިލްމުތަކަށް ބަލާއިރު " ސްޓޫޑަންޓް އޮފް ދަ އިޔަރ 2 " ފާހަގަކޮށްލެވެއެވެ. ފަހަރެއްގައި މިފިލްމުން ސާރާ ފެނިގެންދިޔުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް އެކަން ޔަޤީންވާނީ އަދި ކުޑަދުވަސްކޮޅެއްފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް