އިންޑިއާ-ރާއްޖެ ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކޮށްފި
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހޖީ. ބަލަސުބްރަމަނިއަމް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަށް މިނިސްޓަރު މަރުޙަބާ ދެންނެވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
"މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދެޤައުމު ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހްމަތްތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމަށްޓަކައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފައި، މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ދެއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމަށް ފައިދާހުރި ކަންތައްތައް ހާސިލްކުރުމަށްޓަކައި ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެރުވި" ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، އެމްބެސެޑަރ އެޓް ލާޖް، މުހައްމަދު ފަހުމީ ހަސަން، އިންޑިއާ ޑިވިޜަންގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ، ޑިރެކްޓަރ އަޙްމަދު ސުޒިލް އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވިކަމަށާއި އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ޑެޕިއުޓީ ހައިކޮމިޝަނަރ ކުމާރް ގޯރަވް ބައިވެރިވެވަޑައިގެންނެވިކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް