ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން އިންސްޕެކްޝަނަކަށް އެމަރަލްޑް ރިސޯޓަށް ދާތީ އެ ރިސޯޓުން ފިލަންވެގެން ރ. މަޑުއްވަރީއަށް އެރި ބިދޭސީންތަކެއް އަތުލައިގަނެ ރިޕޯޓްކުރުމުން ހޯމްލޭންޑް މިނިސްޓްރީން އަޅާނުލުމުން އެ ބިދޭސީންގެ ތެރެއިން ބަޔަކު އެ ރަށުން ބޭރުކޮށްލައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ އެ ރިސޯޓުން 60އެއްހާ ބިދޭސީން ލޭބަރ ރިލޭޝަންސް އަށް ފިލަންވެގެން މަޑުއްވަރީއަށް އެރިކަމުގެ މައުލޫމާތު ލިބުނީ ފުލުހުންގެ ފަރާތުންނެވެ.
"އެ މައުލޫމާތު ލިބުމުން އަޅުގަނޑުމެން ނިކުމެ ބެލި ބެލުމުން އަޅުގަނޑުމެންނަށް ހޯދުނު 19 ބިދޭސީއަކު، އެ ބިދޭސީން ވަކި ތަނެއްގައި ބޭތިއްބުމަށްފަހު ހޯމްލޭންޑް މިނިސްޓްރީގެ ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓަށް ހެނދުނުއްސުރެ ހައެއްކަ ފަހަރު ގުޅާ ވާންވީ ގޮތެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވީމަ އަޅުގަނޑުމެން ނިންމީ ދެން އެ ބިދޭސީން އަނބުރާ ފޮނުވާލަން" ދުވަހަށް މައުލޫމާތު ހިއްސާކުރި އޮފިޝަލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ބިދޭސީން އެހެން ހިފަހައްޓާފައި ބައިތިއްބާނަމަ ކެއުމާއި ބުއިންވެސް ކައުންސިލުން ފޯރުކޮށްދޭންޖެހޭނެކަމަށް ގަބޫލު ކުރެވޭތީއާއި އަދި އެވަރަށް ގުޅުމުންވެސް ވާންވީ ގޮތެއް ހޯމްލޭންޑުން ނާންގާތީ އަނބުރާ ފޮނުވާލަން ކައުންސިލުން ނިންމީ ކަމަށެވެ.
އެ ރަށަށް އެރިކަމަށްބުނާ 60 ބިދޭސީންގެ ތެރެއިން ބަޔަކު މިހާރުވެސް އެ ރަށުގެ ކުލީ ކޮޓަރިފަދަ ތަންތަނުގައި އުޅޭނެކަން ކައުންސިލަށް ގަބޫލު ކުރެވުނު ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭތީ ކައުންސިލުންވެސް މިހާރު މާބޮޑަށް އެކަމާ ނޫޅޭ ކަމުގައި ކައުންސިލްގެ އޮފިޝަލް ވިދާޅުވިއެވެ.
ދުވަހަށް މައުލޫމާތުދެމުން ކުރިން އެމަރަލްޑްގައި ވަޒީފާ އަދާކުރި އަދި މިހާރު މަޑުއްވަރީގައި ހުރި މީހަކު ބުނީ އެމަރަލްޑް ރިސޯޓަކީ ރާއްޖޭގެ އެކި ތަންތަނުގައި ސައްހަ ވިސާނެތި އުޅޭ ބިދޭސީން ކުޑަ މުސާރަޔަކަށް ގެންގޮސް ވަޒީފާ ދިނުމުގައި ފާހަގަކުރެވޭ ރިސޯޓެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް