2023 ވަނަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭންފެށި ހަމަލަތައް 471 ދުވަސް (ގާތްގަނޑަކަށް 16 މަސް) ފަހުން އިއްޔެ ހުއްޓާލައި ހަމަލަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާއިރު މިއަދު ޣައްޒާއަށް އުފާވެރިކަން ލިބިގެންދާ އެއް ކަމަކީ އިސްރާއީލު ސިފައިން ހައްޔަރުކޮށްފައިވާ ފަލަޞްޠީނަށް ނިސްބަތްވާ 90 ހައްޔަރީން މިނިވަންކުރުމެވެ.
ފުރަތަމަ މިނިވަންކުރި 90 ހައްޔަރީންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.
90 ހައްޔަރީން ދޫކޮށްލާފައިމިވަނީ ހަމަލަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިއްޔެ ހަމާސް އިން މިނިވަންކުރި ތިން އަސީރުންގެ ބަދަލުގައެވެ. ހަމާސް އިއްޔެ އިއްޔެ ތިން އަސީރަކު ދޫކޮށްލާފައިވާއިރު އިތުރު އަސީރުން ދޫކުރަމުންދާނީ ބަދަލުގައި އިސްރާއީލު ޖަލުތަކުން ފަލަޞްޠީނުގެ ހައްޔަރީން ދޫކުރާ ގޮތަށެވެ.
ހަމަލަ ހުއްޓާލުމުގެ އެއްބަސްވުމަށް އިއްޔެ އަމަލުކުރަން ފެށުމާއެކު ޣައްޒާއިން މިއަދު ފެނިގެންދަނީ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނުވާ ފަދަ މަންޒަރުތަކެކެވެ. ގެތަށް ބިމާ ހަމަވެފައިވީނަމަވެސް އެތައް ހާސް ރައްޔިތަކު އިއްޔެއިން ފެށިގެން އަންނަނީ އަލުން އަނބުރާ އެ އާއިލާތައް ދިރިއުޅުނު ސަރަހައްދަށް ރުޖޫއަވަމުންނެވެ.
އިތުރަށް ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ހަމަލަ ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ދުވާލެއްގެ މައްޗަށް އެހީގެ 600 ލޮރީ ޣައްޒާއަށް އެތެރެވުމަށް ފުރުސަތު ލިބޭއިރު އެ އެހީގެ ތެރޭގައި ޒަރޫރީ ކާނާއާއި ހޮސްޕިޓަލުތަކަށް ބޭނުންވާ ބައެއް ސާމާނާއި ތެޔޮ ހިމެނޭއިރު އެ އެހީތަކުންވެސް ބޮޑު ތަސައްލީއެއް ލިބޭ ލިބުމެވެ. އަދި އިއްޔެއިން ފެށިގެން އިސްރާއީލުންވެސް ހަމަލައެއް ދީފައިނުވާއިރު ހަމާސް އިން ރޭގައި ބުނެފައިވަނީ އިސްރާއީލުން އެއް އެއްބަސްވުމަށް އަމަލުކުރާނަމަ ހަމާސް އިންވެސް އެ އެއްބަސްވުމަށް އިހުތިރާމު ކުރާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް