ކޮރަޕްޝަނުގެ ވަބާ ނައްތާލެވޭނީ ހުރިހާ ފަރާތްތަކާ މެދުގައިވެސް ހަމަހަމަކަމާއެކު އަމަލުކުރެވިގެން: ރައީސް މުއިއްޒު

މި ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލެވެނީ ހުރިހާ ފަރާތްތަކާ މެދުގައިވެސް ހަމަހަމަކަމާއެކު އަމަލުކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާ...

20 Jan 2025 | 05:05

މި ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލެވެނީ ހުރިހާ ފަރާތްތަކާ މެދުގައިވެސް ހަމަހަމަކަމާއެކު އަމަލުކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގާ އަދީބުމެންނާއެކު ޕީޖީން ހަދާފައިވާ އިމިއުނިޓީ އެއްބަސްވުންތައް އުވާލައި އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކަށް ރޭގައި ޕީޖީ އެންގެވުމުން އެކަމަށް މަރުހަބާ ދަންނަވައި ރައީސް ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުޙަބާ ދަންނަވާކަމަށެވެ.

"ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން" ރައީސް ވިދާޅުވެފައިވެއެވެ.

ރޭގައި ޕީޖީއިން ވަނީ އަދީބާއި އެމްއެމްޕީއާރްސީ މައްސަލައިގާ ހިމެނޭ އިތުރު ފަރާތްތަކާއެކު ޕީޖީން ހަދާފައިވާ އިމިއުނިޓީ އެއްބަސްވުންތައް އުވާލާފައެވެ. ޕީޖީން ބުނެފައިވަނީ އެ އެއްބަސްވުންތައް އުވާލާފައިވަނީ އެ އެއްބަސްވުންތައް އެކުލަވާލީ ގެއްލިފައިވާ ފައިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ހިނގަމުންނުދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް