2020 ވަނަ އަހަރު ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ އަޑިން ފެނުނު އާސާރީ ތަނެއްގެ ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް ކުރިޔަށް އެބަ ދެއެވެ.
މި ހިނގާ 2025 ވަނަ އަހަރުގެ ޖަނަވަރީ 12 ން 24 އާ ދެމެދު އެ ސަރަހައްދު ދިރާސާ ކުރުމުގެ ފުރަތަމަ މަސައްކަތް ކުރިޔަށްދާނެކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
އެ މިސްކިތަކީ ކާށިދޫގައި ހުންނަ އެންމެ ދުވަސްވީ ހުކުރު މިސްކިތެވެ. މިސްކިތުގެ ނަމަކީ "މަސްޖިދުއް ނިއުމާ" އެވެ. 2011 ވަނަ އަހަރު އެ މިސްކިތުގެ ގޯތިތެރެއިން މިނިކަށިތަކެއް ފެނުމުން އެ މިސްކިތް އޭރު ބަންދުކުރިއެވެ. އަދި 2020 ވަނަ އަހަރު އިތުރަށް ކޮނުމުގެ ތެރޭގައި އެ މިސްކިތުގެ އަޑީގައި އިމާރާތެއްގެ ބައިތައް ކަމަށް ބެލެވޭ ތަރަހަތަކެއް ފެނުނެވެ.
އެ ވުޒާރާއިން ބުނެފައިވާގޮތުގައި އެ މަސައްކަތަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ ގުޅިގެން ކުރެވޭ މަސައްކަތެކެވެ.
މި ޕްރޮގްރާމުގައި ތަރިކަރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މުވައްޒަފުންގެ އިތުރަށް ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުންނާއި މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ޓީމާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިން ދަ އަރޓްސް އޮފް އެފްރިކާ، އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓް ކިޔަވަމުންގެންދާ ދިވެހި ދެ ދަރިވަރުން ބައިވެރިވެއެވެ.
ދެހަފުތާގެ ދިރާސީ މި މަސައްކަތުގެ ތެރޭގައި ފަންނީގޮތުން ބިމުގެ އަޑީގައި ހުންނަ އާސާރީ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތާ، އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރީންނާ ހިއްސާކުރެވޭނެކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް