ކަބީރް ސިންގްގެ ސްކްރިޕްޓަށް ފަހު ޝާހިދު ކަޕޫރަށް ކަމުދިޔަ ސްކްރިޕްޓެއް ނުފެނުނު

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރަށް 2019 ގެ ބްލޮކްބަސްޓާ ކަބީރް ސިންގް އަށް ފަހު ހިތްގައިމު ފިލްމް ސްކްރިޕްޓެއް ނުފެންނަ ކަމަށް އޭނާ ބުނެފިއެވެ. ނިއުސް އެޖެންސީ ޕީޓީއައިއާ ހަވާލާދީ ޝާހިދު ބުނ...

20 Jan 2024 | 08:31

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރަށް 2019 ގެ ބްލޮކްބަސްޓާ ކަބީރް ސިންގް އަށް ފަހު ހިތްގައިމު ފިލްމް ސްކްރިޕްޓެއް ނުފެންނަ ކަމަށް އޭނާ ބުނެފިއެވެ.

ނިއުސް އެޖެންސީ ޕީޓީއައިއާ ހަވާލާދީ ޝާހިދު ބުނީ ލޯބީގެ ވާހަކަތަކަކީ އެންމެ އުނދަގޫ ޖޯންރާ ކަމަށެވެ. އަދި މަހަކު ދިހަ ސްކްރިޕްޓް އަޑުއަހަމުން އަންނައިރުވެސް، ކަބީރް ސިންގް އަށް ފަހު ކަމުދާ ސްކްރިޕްޓެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ފިލްމުގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވި ހަފުލާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝާހިދު ބުނީ ލޯބީގެ ފިލްމުތަކަކީ ކުޅެން އެންމެ އުނދަގޫ ފިލްމްތައް ކަމަށެވެ. އިތުރު ފިލްމްތައް ކުޅުމަށް ގިނަ ބަޔަކު ބުނާ ނަމަވެސް، ކަމުދާ ސްކްރިޕްޓެއް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ޝާހިދު ބުންޏެވެ.

ކަބީރު ސިންގްގެ ސްކްރިޕްޓަކީ ވަރަށް ހިތްގައިމު ސްކްރިޕްޓެއްކަން ފާހަގަކޮށް ޝާހިދު ބުނީ އެ ފިލްމުގައި ކުޅުނު ކެރެކްޓާއަކީ އޭނާއަށް މުޅިން އާ ކެރެކްޓާއެއް ނަމަވެސް، ކުރެވުނު މަސައްކަތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ކަބީރް ސިންގް އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ކަބީރު ސިންގްގައި ޝާހިދު ކުޅެފައި ވަނީ ރުޅިގަދަ ލޯބިވެރިއެއްގެ ރޯލެވެ. މި ފިލްމުގައި އޭނާއާއެކު ފެނިގެން ދިޔައީ ކިއާރާ އަދުވާނީ އެވެ.

ޝާހިދު ބުނީ މިއީ މަޖާ، ތަފާތު ލޯބީގެ ވާހަކައެއް ދައްކައިދޭ ފިލްމެއް ކަމަށެވެ. މީހުން ރުހޭނެތޯ ނުވަތަ ނޫންތޯ، ބަލައިގަންނާނެތޯ ނުވަތަ ނޫންތޯ، އެއީ އާޓިސްޓެއްގެ ހައިސިއްޔަތުން އަދި އުފެއްދުންތެރި މީހެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ދަތުރެއް ކަމަށް އޭނާ ބުންޏެވެ.

ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ރޮމޭންޓިކް ކޮމެޑީ "ތޭރީ ބާތޯން މޭ އައިސާ އުލްޒާ ޖިޔާ" ކިޔާ ފިލްމެކެވެ. ނާދިރު ލޯބީގެ ވާހަކައެއްގެ ގޮތުގައި ސިފަކުރާ މި ފިލްމަކީ ފުރަތަމަ ފަހަރަށް ފިލްމީ ތަރިން އަމިތު ޖޯޝީ އާއި އާރަދަނާ ސާހް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި ޝާހިދު ފެނިގެންދާނީ ލޯބީގެ ގޮތުން ގުޅިގެން ސިފްރާ (ކްރިތީ) ނަމަކަށް ކިޔާ ރޮބޮޓަކާ ކައިވެނި ކުރަން ނިންމި މީހެއްގެ ރޯލުންނެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ދަރުމެންދުރާ އާއި ޑިމްޕަލް ކަޕާޑިއާ ހިމެނެއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް