ބަލީގެ ނަފްސާނީ ތަޖުރިބާއަކީ ހަމައެކަނި ސިކުނޑިން ނުވަތަ ޕެތޮޖަންއިން އަމިއްލައަށް އުފެދޭ ކަމެއް ނޫނެވެ. މިއީ ތިމާގެ އަމިއްލަ ދިފާއީ ނިޒާމުން އުފެދޭ ކަމެއް ކަމަށް ބެލެވެއެވެ.
އާދައިގެ ރޯގާއާއި، ކޮވިޑް-19 އަދި ހުމުން ފެށިގެން، ކަރުތެރެ އާއި ބަނޑުގެ ބަލިތައް އަންނަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. ކޮންމެ ބައްޔެއްގަވެސް އެއްގޮތް ކަމެއް އެބައޮތެވެ. އެއީ ތިބާއަށް އިހުސާސްވާ ހިތާމަވެރިކަމެވެ. މި ބަލިތަކަކީ ގިނަ ފަހަރަށް ވަރުބަލިވުމާއި ބަނޑުހައިހޫނުކަން ކުޑަވުމާއި ކޮންސެންޓްރޭޓް ކުރުމަށް އުނދަގޫވާފަދަ ބަލިތަކެކެވެ. ގިނަ ފަހަރަށް ބަލި ޖެހިފައިވާ މީހުން ބޭނުންވަނީ އެކަނިވުމަށެވެ. އަދި ބައެއް މީހުންނަށް ހިތާމައާއި ނުތަނަވަސްކަން ވެސް ކުރިމަތިވެއެވެ.
އެއީ ކީއްވެކަން ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. ހަށިގަނޑަށް ޕެތޯޖަންގެ ހަމަލާއެއް އަމާޒުވުމުން، ދިފާއީ ބައެއް ސެލްތަކުން އެ ބަލި ދެނެގަނެ، އެ ނުރައްކާ ނައްތާލުމަށް ފިޔަވަޅު އަޅައެވެ. ކާމިޔާބު ވުމަށްޓަކައި ދިފާއީ އެހެން ސެލްތަކުގެ އިތުރުން ހަށިގަނޑުގެ ގިނަ ގުނަވަންތަކެއް އެއްބައިވާން ޖެހެއެވެ.
އެކަން ކުރުމަށްޓަކައި ސައިޓޮކިންސް ނަމަކަށް ކިޔާ ވަކި ޕްރޮޓީންތަކެއް ސިއްރުކުރެއެވެ. މިއީ ތިބާގެ ސިކުނޑިއާއެކު މުޅި ހަށިގަނޑުގައި ޕެތޯޖަންއެއް ހުރިކަން އަންގައިދޭ އެއްޗެކެވެ.
ސައިޓޮކިން ސިގްނަލް ސިކުނޑިއާ ހަމައަށް ދިއުމުން ސިކުނޑީގެ ގިނަ ސްޓްރަކްޗާތަކުގެ ހަރަކާތްތަކަށް ބަދަލުތަކެއް އަންނާނެއެވެ. މިކަމުގެ ސަބަބުން ހުން އައިސް އިތުރު ބަލިތައް ޖެހުމަށްވެސް މަގުފަހިވެގެން ދެއެވެ.
ސިކުނޑިއަށް އަންނަ މި ބަދަލުތަކުގެ ސަބަބުން ތިބާއަށް އިހުސާސްވާ ގޮތާއި ކަންކަމާމެދު އަމަލުކުރާ ގޮތް ތަފާތުވުމަށް މަގުފަހިވެގެން ދެއެވެ. އާންމުކޮށް ތިމާ ބޭނުންވާ ކަންކަން ކުރުމަށް ހިތްވަރު ކުޑަވެ، އެކަހެރިކޮށް އެނދުގައި އޮތުމަށް ބޮޑަށް ހިތްވަރު ލިބެއެވެ. އެންމެ ފަހުން ވަރުބަލިކަން އިހުސާސްވެ ބަނޑުހައިހޫނުކަން ކުޑަވެގެން ދެއެވެ. އެކަމަކު ނެގެޓިވް ސްޓިމިއުލާތަކުގެ ސަބަބުންވެސް ވަރަށް ފަސޭހައިން ހިތާމަ އިހުސާސްވެ ކަންބޮޑުވެއެވެ.
އޭގެ މާނައަކީ ބަލިވުމުގެ ނަފްސާނީ ތަޖުރިބާއަކީ ހަމައެކަނި ސިކުނޑިން ނުވަތަ ޕެތޮޖަން އިން އަމިއްލައަށް އުފެދޭ ކަމެއް ނޫން ކަމެވެ.
ހަގީގަތުގައި ވެސް މިފަދަ އިހުސާސްތައް ހަގީގީ ޕެތޮޖަންއެއް ނެތިވެސް އިހުސާސްކުރެވޭ ކަމަށް ސައިންސްވެރިން ވަނީ ސާބިތުކޮށްފައެވެ.
ސައިންސްވެރިންގެ ބައެއް އެކްސްޕެރިމެންޓުތަކުގައި 100 އަށްވުރެ ގިނަ ދިރާސާގެ ބައިވެރިންނަށް އިންޖެކްޓް ކުރީ ބެކްޓީރިއާ އެސްޗެރިޗިއާ ކޯލީގެ މެމްބްރޭންގެ ކޮމްޕޯނެންޓެއް ކަމަށްވާ ލިޕޮޕޮލިސެކަރައިޑްގެ ކުޑަ ޑޯޒެކެވެ. ދިފާއީ ސެލްތަކުން މި ކޮމްޕޯނެންޓަކީ ޕެތޮޖެނިކް ތްރެޓެއްގެ ގޮތުގައި ދެނެގަތުމުން (ހަގީގަތުގައި އެއްވެސް ހަގީގީ ބެކްޓީރިއާއެއް ނެތް ނަމަވެސް) އެކްޓިވޭޓްވެ ސައިޓޮކިންސް އުފައްދައެވެ.
ސައިޓޮކިން ސިގްނަލް ސިކުނޑިއާ ހަމައަށް ގޮސް، ބަލިމަޑުކަމުގެ އިހުސާސްތަކާ އެކު އަހުލާގީ ބަދަލުތައް މީހާއަށް އަންނަން ފަށައެވެ.
ޝައުގުވެރިވާކަމަކީ އިންފެކްޝަނަކާ ހަނގުރާމަ ނުކޮށް، ދިރާސާގެ ބައިވެރިންގެ ފަރާތުން އެއް ކަހަލަ އަލާމާތްތަކެއް ފެނުނު ކަމެވެ. އޭގެ ތެރޭގައި ބަލިމަޑުކަމާއި ވަރުބަލިވުމާއި ހަށިގަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުނު ކަމަށް ސައިންސްވެރިން މައުލޫމާތުދެއެވެ.
ބައިވެރިން ބުނީ ދިރާސާތައް ހަދާ ސްޓަޑީ ރޫމްގައި ތިބުމަށްވުރެ ގޭގައި ތިބުމަށް އެދޭ ކަމަށާއި، ދިރާސާވެރިން އެދުނު މަސައްކަތްތައް ކުރުމަށް އިތުރަށް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި އިންޖެކްޝަން ޖެހުމުގެ ކުރިން އެމީހުން ވަކިން ކަންބޮޑުވެ، ހިތާމަ ނުކުރި ނަމަވެސް، އޭގެ ފަހުން ގިނަ ބައިވެރިން ވަނީ ކަންބޮޑުވެ، ރުޅިގަދަވާކަމަށް ބުނެފައެވެ.
މިހާރު އުފެދޭ ސުވާލަކީ އިންފެކްޝަނެއްގައި ބަލިވެ، ހިތާމަ އިހުސާސް ކުރަން ވީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ކީއްވެ ހެއްޔެވެ؟ ޕެތޯޖަންއަކާ ހަނގުރާމަކުރަން ބޭނުންވަނީ ހީވެސް ނުކުރެވޭވަރުގެ ހަކަތައެކެވެ. ދިފާއީ ސެލްތަކުގެ ހަރަކާތާއި ހަށިގަނޑުގެ ފިނިހޫނުމިން އިތުރުވުމަކީ ވެސް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. ހަކަތައިގެ މި ބޮޑު ޑިމާންޑްތަކާ ކުރިމަތިލެވޭނީ ވަގުތުން ބޭނުން ނުވާ ގުނަވަންތަކުގެ ހަރަކާތްތައް ހަރުދަނާގޮތެއްގައި މަދުކުރުމުންނެވެ.
ބަލިމަޑުކަމުގެ އިހުސާސްތަކުން އެންމެ ފަހުން ޔަގީންކޮށްދެނީ އިންފެކްޝަނެއް ޖެހިއްޖެނަމަ ކޮންމެހެން ބޭނުން ނުވާ ކަންކަމަށް ހަށިގަނޑުގެ ހަކަތަ ބޭނުން ނުކުރާކަމާއި ހަމަހިމޭންވެ ގޭގައި ތިބެން ޖެހޭ ކަމެވެ. އެހެންކަމުން، މަސްތަކާއި ސިކުނޑިވެސް ބޭނުންނުކުރުމަށް އެހީތެރިވެދެއެވެ. އަދި ހިތާމައާއި ކަންބޮޑުވުމަކީ ރައްޓެހިންނާއެކު ބޭރަށް ނުކުމެ ސަކަރާތްޖަހަން ބޭނުންވުމަށް ހުރަސް އެޅޭ ކަމެވެ.
އެހެންކަމުން ބަލިމަޑުކަމުގެ އިހުސާސްތަކަކީ މި ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ފައިދާ ހުރި އިހުސާސްތަކެކެވެ.
އެހެންކަމުން ބަލިވުމުން ނިކަމެތިކަމުން ސަލާމަތްވެވޭނެ ގޮތް ފަސޭހައިން ވިސްނަން އުނދަގޫވެދާނެއެވެ. އެކަމަކު ބައްޔަކާ ކުރިމަތިލާން ޖެހިއްޖެނަމަ ނޭދެވޭ ވިސްނުންތަކުން އަރައިގަތުމަށް މި އިންސައިޓްގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް އުއްމީދު ކުރަމެވެ. ހިތާމަވެރި އިހުސާސެއް ކުރެވުމުން ކުށްވެރިކަމެއް ނުވަތަ ކަންބޮޑުވުމެއް އިހުސާސް ނުކުރާށެވެ. އެއީ ހަމައެކަނި ގުދުރަތީ ކަމެކެވެ.
އަދި ވެކްސިން ޖެހުމަށްފަހު ދުވަސްތަކުގައި ހިތާމަވެރިކަން އިހުސާސްކުރެވޭނަމަ ކަންބޮޑުނުވާށެވެ. އޭގެ މާނައަކީ ވެސް ތިބާގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް