މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ: ނައިބު ރައީސް

ފާގަތި މުސްތަގުބަލެއް ހޯދުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅައި ތަރައްޤީވަމުން އަންނަ ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖު...

20 Jan 2024 | 01:56

ފާގަތި މުސްތަގުބަލެއް ހޯދުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅައި ތަރައްޤީވަމުން އަންނަ ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ވަކި ބައްރަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމާއި، ލިބިފައި ހުންނަ ވަޞީލަތްތައް މަދުކަމާއެކު މީގެ ގެއްލުންތަކާ އެންމެ ބޮޑަށް ކުރިމަތިލާންޖެހެނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަދުގެ ދުނިޔޭގައި ކުރިމަތިވަމުން އަންނަ އައު މައްސަލަތަކާ ކުރިމަތިލުމުގައި ނާމްއިން ގުޅުންތައް އިތުރަށް ވަރުގަދަކޮށް މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ތަފާތު ޤައުމުތައް އެކުވެގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރާ ގޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ އަދުގެ ދުނިޔޭގައި އިންސާނުންނަށް ލިބިފައިވާ ކުރިއެރުންތަކެކޭ އެއްގޮތަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިންސާނުން ހޯދަމުންދާ ކުރިއެރުންތަކާއެކު ދުނިޔެއަށް އިތުރު ކުރިއެރުމާއި ފާގަތިކަން އަންނަމުންދާ ކަމަށާއި އެހެންނަމަވެސް ހަމަ އެފަދައިން ހަނގުރާމަތަކާއި ކާރިސާތަކުގެ ސަބަބުން މުޖުތަމަޢުތައް ނުތަނަވަސްކަމާއި ބިރުވެރިކަމާ ކުރިމަތިލާންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔުގަންޑާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ޔުގަންޑާގެ ކަމްޕާލާގައި މިހަފްތާގައި ކުރިއަށްގެންދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް