ޔޫއެފާގެ އިންޒާރެއް ޗެލްސީއަށް، ވެކްސިން ފުރިހަމަ ނުކުރާ ކުޅުންތެރިންނަށް ޗެމްޕިއަންސް ލީގު ދެވަނަ ބުރުގައި ނުކުޅެވޭނެ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަންނަ މަހުގެ ފްރާންސްގެ ލިލް އާއި ދެކޮޅަށް ޗެލްސީ ކުޅެން ހަމަޖެހިފައި އޮތް މެޗުތަކުގައި އެޓީމުގައި ތިބި ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ނުކުރާ ކުޅުންތެރިންނަ...

20 Jan 2022 | 15:31

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަންނަ މަހުގެ ފްރާންސްގެ ލިލް އާއި ދެކޮޅަށް ޗެލްސީ ކުޅެން ހަމަޖެހިފައި އޮތް މެޗުތަކުގައި އެޓީމުގައި ތިބި ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ނުކުރާ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާއިން ބުނެފިއެވެ.

މިކަމާއި ގުޅިގެން ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔޫއެފާއިން މިހާރު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މުޅިން އައު އުސޫލުތަކެއް އެކުލަވާލާފައި ކަމަށާއި އެ އުސޫލުތަކުގައިވާ ގޮތުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޗެލްސީ ލިލްއާއި ދެކޮލަށް ކުޅެން ހަމަޖެހިފައިވާ މެޗުތަކުގައި ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ ޗެލްސީގެ އެއްވެސް ކުޅުންތެރިއަކަށް އެ މެޗުގައި ނުކުޅެވޭނެ ކަމަށެވެ. އަދި އެކަން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށްވެސް ޔޫއެފާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޗެލްސީ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ލިލް އާއި ދެކޮޅަށް ނިކުންނާނީ އަންނަ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 16 ވަނަ ދުވަހުގައެވެ. މީގެ އެއްވެސް މެޗަކަށް ވެކްސިން ފުރިހަމަ ނުކުރާ ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށް ޔޫއެފާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޔުއެފާއިން ބުނީ ޔޫރަޕްގެ މުބާރާތްތަކުގެ ނޮކް އައުޓް ސްޓޭޖްތަކުގައި ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ކޮވިޑް އާއި ގުޅިގެން އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ މަޝްވަރާތަކެއް ވެސް ސްޓޭކް ހޯލްޑަރުންނާއި އެކުު މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޔޫއެފާއިން ކޮވިޑް އާއި ގުޅިގެން އުސޫލުތަކެއް ހެދިއިރު، ލިލް ނިސްބަތްވް ފްރާންސްގެ ޤާނޫނު ހަދާ މަޖިލ؛ީހުން ވެސް ވަނީ އެ ގައުމުގައި ކޮވިޑްގެ ބިރުވެރިކަން އިތުރުވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ވެކްސިން ފުރިހަމަ ނުކުރާ އެއްވެސް ކުޅިވަރު ކުޅުންތެރިއަކަށް ނުވަތަ އެތްލީޓަކަށް ވެކްސިން ފުރިހަމަ ނުކޮށް އެއްވެސް ކުޅިވަރު މުބާރާތެއްގައިވެސް އަދި ކުޅިވަރު ކުޅޭ ސަރަހައްދަކަށް ވެސް ނުދެވޭގޮތަށް ވަނީ އުސޫލެއް ހަދާފައެވެ. އަދި މި އުސޫލައް އަންނަ ހަފްތާ ހޯމަ ދުވަހުން ފެށިގެން އަމަލުކުރަމުން ގެންދާނެ ކަމަށްވެސް އެ ޤައުމުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް