ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެދިލެއްވުމަށް އަތޮޅުތެރޭގެ ރަށްރަށުގެ ގޭގޭގެ ފާރުގައި "އިންޑިއާ އައުޓް" ލިޔަން ފަށައިފިއެވެ.
ރައީސް ޔާމީން އެފަދައިން ގޮވައިލައްވާފައިވަނީ ށ. ފުނަދޫއަށް ވަޑައިގެން މިމަހު 14 ގައިދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނުގެ މި ގޮވައިލެއްވުމަށް ރ. ދުވާފަރުގެ ގޭގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖެހުމުގެ ހަރަކާތް ވަރަށް ފޯރިއާއެކު އަންނަނީ ކުރަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ފުޅާކޮށް، އަތޮޅުގެ ރަަށްރަށުގައި ވެސް ކެމްޕެއިން ޖައްސަމުން އަންނަ އިރު، ށ. ފުނަދޫ ގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ފޮޓޯ ބޭރު ދުނިޔެއަށް ވެސް ފެންނަން ޖެހޭކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅު ހެދުމުގެ ގޮތުން ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށް އެދިލައްވާ ކަމަށެވެ.
ޔާމީން ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ޝުޢޫރަށް އިހްތިރާމް ކުރަމުން ނުދާކަމަށާއި ރާއްޖެ މިހާރު މި އޮތް ހާލަތަށް ގޮސްފައިމިވަނީ ބަލިމަޑުކަމުގެ ސަބަބުން ނޫންކަމަށެވެ.
"މިއީ ސަރުކާރުން ޤައުމު ގެންދިޔަ ހާލަތު. މިސަރުކާރުން ބޭނުންވާ ކަންކަން ކުރަމުންދޭ. އެގޮތުން ދައުލަތުގެ މުއައްސަސާތައް ވަނީ ވައި ކޮށްފަ. އަތާ ފަޔާ ބާނައިގެން ބޮޑެތި އަދަދުތަކުން ފައިސާ ސަރުކާރާ ގާތް ކުންފުނިތަކަށް ދޭ." ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އަނެއް ދިވެހިރާއްޖެ ބޭނުން ނުވާކަމަށާއި ދިވެހިން ބޭނުންވަނީ ދިވެހިރާއްޖެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް