އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްއޮނެޑް ޕިނެޑާ (މޭރީ) ގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ބަންދުގެ މުއްދަތު އިތުރުކޮށް، ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދީފިއެވެ.
މާވިންގެ ބަންދުގެ މުއްދަތު ތިރީސް ދުވަހަށް އިތުރުކޮށް، ވަކީލަކު އައްޔަން ކުރުމަށް ދިހަ ދުވަސް ދީފައިވަނީ އެ މައްސަލައިގާ މިއަދުގެ ބޭއްވި އަޑުއެހުމުގައެވެ.
މިއަދުގެ އަޑުއެހުން މާވިން ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނަކާއެކުގައެވެ.
މިއަދު ކުރިއަށް ދިޔަ އިބްތިދާއީ އަޑުއެހުމުގައި ވަކީލަކާ އެކު ކުރިއަށް ދާން ބޭނުންތޯ މައްސަލަ ބައްލަވާ ގާޟީ ހުސައިން ފާއިޒު ރަޝާދު ސުވާލުކުރެއްވުމުން މާވިން ބުނީ، އޭނާގެ ވަކީލަކު ހުންނާނެ ކަމަށެވެ.
އެހެންނަމަވެސް ވަކީލަކު ހަމަޖެއްސިކަމުގެ އެއްވެސް ލިޔެކިޔުމެއް ޝަރީއަތަށް ލިބިފައިނުވާ ކަމަށް ގާޟީ ވަނީ ވިދާޅުވެފައެވެ. އަދި މާވިން ވަކީލަކު ހަމަޖައްސާފައިވޭތޯ ބެލުމަށް ޝަރީއަތް ކުޑަވަގުތުކޮޅަކަށް މެދުކަނޑައިލި އެވެ.
ޝަރީއަތް އަލުން ފެށުމަށްފަހު ގާޒީ ފާއިޒު ވިދާޅުވީ ވަކީލަކު އައްޔަންކުރި ކަމުގެ އެއްވެސް ލިޔުމެއް ކޯޓަށް ލިބިފައި ނުވިނަމަވެސް ބަންދު މަޖިލީހުގައި މާވިންގެ ފަރާތުން ވަކީލަކު ތަމްސީލުކޮށްފައިވާ ކަމަށެވެ. އަދި އެ ވަކީލަށް ކޯޓުން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ގާޟީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތަށް ދައުލަތުގެ ފަރާތުން އައު ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ އިރު، އެ ލިޔެކިޔުންތަކުގައި ގާނޫނީ ވާހަކަތަކެއް ހުރުމުން، ދައުލަތުން ބޭނުންވީ މާވިން އަށް ވަކީލަކު ހަމަޖެހުމުން އެ ލިޔެކިޔުންތަކާ ގުޅިގެން ޝަރީއަތުގައި ވާހަކަދައްކާށެވެ.
މިހާރުވެސް ބަންދުގައި ހުރި މާވިންގެ ބަންދަށް ކުރިން ދީފައިވާ މުއްދަތު ހަމަވާނީ މިއަދު މެންދުރު 1:05 އަށެވެ.
އެހެންކަމުން ދައުލަތުން މިއަދު ވަނީ މާވިން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓަށް ހުށަހަޅަާފައިވަނީ ދެ ސަބަބެއް ބަޔާންކޮށްފައެވެ.
އެގޮތުން ހެކި ނައްތާލަން މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭތީ - މައްސަލައިގައި ހެކިބަސް ދޭން ތިބީ އައިޖީއެމްއެޗްގައި މާވިންގެ ދަށުން މަސައްކަތްކޮށްފައިވާ، އަދި މާވިން މެންޓަރކޮށްދީފައިވާ މުވައްޒަފުން ކަމަށްވާތީ އެމީހުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ވަނީ ބުނެފަައެވެ.
ދެވަނަ ކަމަކީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށާއި މާވިންގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ އެންމެ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނެ ކުށަކަށް ކަމަށާއި އެ ކުށް ކުރީ އެހެން މީހަކާ ބައިވެރިވެގެން ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.
ދައުލަތުގެ ވާހަކަތަކާ ގުޅިގެން ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު މާވިން އަށް ދިނުމުން އޭނާ ބުނީ 'ދައްކާނެ ވާހަކައެއް ނެތް' ކަމަށެވެ.
މާވިން ވަކީލަކު އައްޔަންކުރަން ބޭނުން ކަމަށް ބުނެފައިވާތީ އެކަމަށް ގޮތް ކަނޑައަޅާނީ ވަކީލަކާ އެކު ކަމަށާއި ނަމަވެސް ދައުލަތުން ދެއްކި ވާހަކަތަކާ ގުޅިގެން މާވިންގެ ބަންދު ދަމަހައްޓަން ފެންނާތީ 30 ދުވަހަށް މާވިން ބަންދު ކުރަން އަމުރުކުރާ ކަމަށް ގާޟީ ވަނީ ވިދާޅުވެފައެވެ.
ގާޒޟީ އިތުރަށް ވިދާޅުވީ ވަކީލަކު އައްޔަންކުރަން ދިން މުއްދަތު ހަމަވުމުން އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި، އެ އަޑުއެހުމުގައި އަލުން ބަންދު މުރާޖައާކުރެވޭނެ ކަމަށެވެ.
މާވިން ވަނީ ފުލުހުންގެ ކަސްޓޯޑިއަލް ދޫނިދޫގައި ބަންދުކޮށްފައި ހުންނަތާ 85 ދުވަސް ވެފައިވާ ކަމަށާއި ޖަލަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. މިކަމަށް ގާޟީ ފާއިޒު ވިދާޅުވީ އެކަމާ މެދު ވެސް ގޮތް ނިންމާނީ ދެންއޮންނަ އަޑުއެހުމެއްގައި ކަމަށެވެ.
19 އޮކްޓޯބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި މޭރީ ދަންޖެހުނު ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މާވިން އެވެ. އައިޖީއެމްއެޗުގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރި މޭރީ މަރުވީ ދަންޖެހިގެން ކަމަށް އޭނާގެ ފިރިމީހާ ބުނިނަމަވެސް ފުލުހުންނަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށައި މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ އޭނާ އޮތީ މަރާލާފައިކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް