އެމެރިކާގެ ކޯޓެއްގެ ފަނޑިޔާރަކަށް ފުރަތަމަ ފަހަރަށް މުސްލިމް އަންހެނަކު އައްޔަން ކުރަނީ

އެމެރިކާގެ ވެރިރަށް ނިއުޔޯކްގެ ފެޑަރެލް ކޯޓެއްގެ ފަނޑިޔާރަކަށް މުސްލިމް އަންހެނަކު އައްޔަން ކުރަން ނިންމައި ރުހުން ހޯދަން ސެނެޓަށް ފޮނުވައިފި އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން މިފަހަރު ރުހުން ހޯދަން...

20 Jan 2022 | 06:50

އެމެރިކާގެ ވެރިރަށް ނިއުޔޯކްގެ ފެޑަރެލް ކޯޓެއްގެ ފަނޑިޔާރަކަށް މުސްލިމް އަންހެނަކު އައްޔަން ކުރަން ނިންމައި ރުހުން ހޯދަން ސެނެޓަށް ފޮނުވައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިފަހަރު ރުހުން ހޯދަން ހުށަހެޅީ ބަންގްލަދޭޝް ދަރިކޮޅު އެމެރިކާގެ ރައްޔިތެއް ކަމަށްވާ ނުސްރަތް ޖަހަން ޗައުދަރީ ފަނޑިޔާރަކަށް އައްޔަން ކުރުމަށެވެ. ސެނެޓުން އޭނާއަށް ރުހުން ދޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

ނުސްރަތަކީ ސިވިލް ރައިޓް ވަކީލެކެވެ. އޭނާ ވަނީ ގެއްލިފައިވާ އެތައް މުސްލިމުންގެ ހައްގުގައި ކޯޓުަކުގައި ވަކާލާތުކޮށް އެމީހުންނަށް ކޯޓު މަރުހަލާއިން ކާމިޔާބު ހޯދައިދީފަ އެވެ.

ރައީސް ބައިޑަންގެ މި ނިންމުމާއި ގުޅިގެން މުސްލިމް ގާނޫނީ ވަކީލުންގެ ޖަމިއްޔާއިން ވަނީ އެމެރިކާ ސަރުކާރަށް މަރުހަބާ ކިޔާފަ އެވެ. ނުސްރަތު ފަނޑިޔާރަކަށް އައްޔަން ކުރުން ވާނީ މުސްލިމުންނަށް ލިބޭ ކުރިއެރުމާއި އިތުރު ހިތްވަރަކަށް ކަމަށް ބުނެފައިވެ އެވެ.

އެމެރިކާގެ ފެޑަރަލް ކޯޓުތަކުން ބަލާ މައްސަލަތަކުގެ ތެރޭގައި ސަރަހައްދީ ސަރުކާރުތަކުން ނިންމާ ނިންމުންތައް ރިވިއު ކުރުމާއި އާންމުން ހުށަހަޅާ މައްސަލަތައް ބެލުން ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާގެ ގާނޫނާއި ފުށުއަރާގޮތަށް ސްޓޭޓް ސަރުކާރުތަކުން ނިންމާ ނިންމުންތައް ބާތިލް ކުރުމާއި ދަށު ކޯޓުތަކުގެ ނިންމުންތައް ރިވިއު ކުރުން ހިމެނެ އެވެ.

ނުސްރަތު ފަނޑިޔާރު ކަމަށް އައްޔަން ކުރަން ސެނެޓުން ރުހުންދީފި ނަމަ އޭނާ ވަނީ އެމެރިކާގައި ފަނޑިޔާރަކަށް އައްޔަން ކުރާ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރަށެވެ. އަދި ދެވަނަ މުސްލިމް ފަނޑިޔާރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް