ވެކްސިންގެ ހަމަހަމަކަން ނެތްހާ ހިނދަކު ކޮވިޑުން އަރައިގަނެވޭކަށް ނެތް: އދގެ އާއްމު މަޖިލީހުގެ ރައީސް

ކޮވިޑް-19 ޕެންޑެމިކަށް ނިމުމެއް ގެނައުމަށް އޮތް އެންމެ މުޖައްރަބު މަގަކީ އެންމެންނަށް ވެކްސިން ކަށަވަރުކޮށްދިނުންކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ލިބުމުގެ ތަފާތުކަން އޮންނަހާ ހިނދަކު މ...

20 Jan 2022 | 05:11

ކޮވިޑް-19 ޕެންޑެމިކަށް ނިމުމެއް ގެނައުމަށް އޮތް އެންމެ މުޖައްރަބު މަގަކީ އެންމެންނަށް ވެކްސިން ކަށަވަރުކޮށްދިނުންކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ލިބުމުގެ ތަފާތުކަން އޮންނަހާ ހިނދަކު މި ބަލިމަޑުކަން ނިމުމަކަށް ނުގެނެވޭނެކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމު ވެސް އަދާކުރައްވާ މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އެމަނިކުފާނު މިއަހަރު އިސްކަން ދެއްވާނެކަންކަމާ ބެހޭ ގޮތުން އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އައު ވޭރިއެންޓުތައް ފެންމަތިވަމުންދާނެ ކަމަށާއި، ބައެއް ވޭރިއެންޓުތައް ވަރަށް ނުރައްކާވެ ނުވަތަ ވެކްސިންތަކަށް ނުކަތާވަރު ވެދާނެކަމަށެވެ. އަދި މީގެ ސަބަބުން އަޅުގަނޑުމެން މިހާތަނަށް ކޮވިޑް-19 އާ ދެކޮޅަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔުމުގެ ބިރު އެބައޮތްކަމަށެވެ.

މިކަމުން ސަލާމަތް ވެވެން އޮތީ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވަގުތުން ވެކްސިން ލިބޭގޮތް ހަދައިގެން ކަމަށާއި ވެކްސިން އުފެއްދުމާއި ވެކްސިން ބެހުމުގެ ދުވެލި ބާރުކޮށް، ރޯލްއައުޓް ކުރުމަށް ދިމާވާ ހުރަސްތައް ނައްތާލައި، ވެކްސިންގެ ހަމަހަމަކަން ޤާއިމުކުރުމަށް ބައިނަލްއަޤުވާމީ މުޖްތަމައުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު، އަންނަ މަހުގެ 25 ވަނަ ދުވަހު، ވެކްސިނޭޝަނާއި ބެހޭ ގޮތުން ބާއްވާ މުހިއްމު ބައްދަލުވުމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް