އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަތުގެ މައްސަލައިގާ ދަޢުވާ އުފުލާފައިވާ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލް އަށް ޙުކުމް އިއްވައިފިއެވެ.
އެ ދެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ޢުމުރަށް ޖަލަށް ލުމަށާއި 1.3 މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ދިނުމަށެވެ.
މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
މި 6 މީހުންގެ މައްޗަށް ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވީނަމަވެސް ކުށް ސާބިތުވެފައިވަނީ ހައިޝަމް އާއި ޒިހާންގެ މައްޗަށް އެކަންޏެވެ.
އެހެންކަމުން މިކަމުގެ ވާރިސުން އަމަލުކުރަން ބޭނުންވާ ގޮތް ކޯޓުން ވަނީ ބަލާފައެވެ. ޔާމީން ރަޝީދުގެ މަންމަ ފިޔަވައި އޭނާގެ ހުރިހާ ވާރިސުން ބޭނުންވީ މަރަށް މަރުހިފުމަށެވެ. ނަމަވެސް ޔާމީންގެ މަންމަ ބޭނުންވީ މަރަށް މަރު ހިފުމުގެ ބަދަލުގައި މަރުގެ ދިޔަ ނަގާށެވެ.
އަދަބު ކަނޑައަޅަން ވާރިސުން ބަސް ނެގުމަށް ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި، ޔާމީން ރަޝީދުގެ މަންމަ މަރިޔަމް ޝަކީލާ ބުނީ އިންސާނަކަށްވީތީ ދިރިހުރުމަކީ އަސާސީ ހައްގެއްކަމަށް ޔާމީން ދެކުނުކަމަށެވެ. އަދި ގިސާސް ހިފާން ބޭނުންނުވާކަމަށް ޔާމީންގެ މަންމަ ކޯޓުގައި ބުންޏެވެ.
މަރަށް މަރު ހިފެނީ ހުރިހާ ވާރިސުން އެކަން ބޭނުންވުމުން ކަމަށްވާއިރު، ޔާމީންގެ މަންމަ މަރަށް މަރު ހިފަން ބޭނުންނުވާތީ ހައިޝަމްއާއި ޒީހާންގެ މައްޗަށް ވަނީ ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމް އިއްވާފައެވެ. ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައި އެ ދެ މީހުން މިހާރު ބަންދުގައި ތިބި މުއްދަތު ކެނޑުމަށްފަހު، 20 އަހަރާއި ތިން މަހާއި 19 ދުވަހަށް ޖަލަށް ލުމަށް ވަނީ އަމުރުކޮށްފައެވެ.
ޔާމީން ރަޝީދު މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅުނު މ. ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައެވެ. އޭނާ މަރާލާފައިވަނީ ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް