ކޯވިޑް-19 ފެތުރޭތީ އިތުރު ދެ ރަށަކަށް އަރައި ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަލަށް މޮނިޓަރިންގެ ހާލަތަށް ގެނައީ، ބ. އޭދަފުއްޓާއި، ކ. ގުރައިދޫ ކަމަށެވެ. އެ ދެ ރަށް މޮނިޓަރިންއަށްލީ އިއްޔެ އެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި 14 ރަށެއް އޮތް އިރު އޭގެ ތެރޭގައި އާބާދީ ބޮޑެތި، ގިނަ ބަޔަކު ހިދުމަތް ހޯދަން ދަތުރު ކުރާ ރަށްތައް ހިމެނެ އެވެ. އެ ރަށްތަކުގެ ތެރޭގައި، ށ. ފުނަދޫ، އޭދަފުށި، ލ. ގަން، ފޮނަދޫ، ރ. އުނގޫފާރު ހިމެނެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މުޅި ރާއްޖޭގެ ކޯވިޑް ހާލަތު ވަނީ ނުރައްކާތެރި ހާލަތަކަށް ގޮސްފަ އެވެ. އިއްޔެ އެކަނި 2،137 މީހުންނަށް ކޯވިޑް ޖެހުނު އިރު ފަރުވާ ދެމުންދާ މީހުންގެ އަދަދު މިހާރު އުޅެނީ 9،574 ގައި އެވެ.
އަތޮޅުތެރޭގެ ހާލަތަށް ބަލާއިރު އިއްޔެ 547 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
މާލޭގެ ޕޮސިޓިވިޓީ ރޭޓު 36 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. އިއްޔެ މާލެއިން 1،219 މީހުންނަށް ބަލި ޖެހުނެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހުނީ 108،732 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް