އިނގިރޭސިވިލާތުގައި މާސްކު އެޅުން ހުއްޓާލަނީ – މިއަދުުން ފެށިގެން ސްކޫލުތަކުގައި ނާޅާނެ

ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޯނާއެކު އިނގިރޭސިވިލާތަށް އައި ބަލީގެ އާ ރާޅު ނިމޭކަމުގެ މަންޒަރު މިހާރު ފެނިފައިވާކަމަށްބުނެ މާސްކު އެޅުން ހުއްޓާލުމުގެ މަސައްކަތް އެ ގައުމުގައި މިއަދު ރަސްމީކޮށް ފަށާނ...

20 Jan 2022 | 03:17

ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޯނާއެކު އިނގިރޭސިވިލާތަށް އައި ބަލީގެ އާ ރާޅު ނިމޭކަމުގެ މަންޒަރު މިހާރު ފެނިފައިވާކަމަށްބުނެ މާސްކު އެޅުން ހުއްޓާލުމުގެ މަސައްކަތް އެ ގައުމުގައި މިއަދު ރަސްމީކޮށް ފަށާނެއެވެ.

އެގޮތުން އެންމެ ފުރަތަމަ މާސްކު އެޅުން ހުއްޓާލަނީ ސްކޫލުތަކުގެ ކްލާސްރޫމުތަކުގައްޔާއި ސްކޫލުތަކުގެ އިދާރީ އޮފީސްތަކުގައެވެ.

އިއްޔެ މިކަންކަން އިއުލާނުކުރައްވަމުން އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ އޮމިކްރޯނާއެކު އެ ގައުމުން އެކުލަވާލި ޕްލޭން ބީ ނިމުމަކަށް ގެނެސް ޕްލޭން އޭ އަށް ރުޖޫއަވުމުގެ އަމަލީ މަސައްކަތް މިއަދު ފެށޭނެ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ސްކޫލުތަކުގައި މާސްކު އެޅުން ހުއްޓާލާއިރު އަންނަ ހަފްތާގެ ބުރާސްފަތިން ފެށިގެން އާއްމުކޮށް މާސްކު އެޅުން ހުއްޓާލާނެ ކަމަށެވެ.

ނަމަވެސް އާއްމުކޮށް ދިމާނުވާ ބަޔަކާއެކު ވަގުތު ހޭދަކުރާނަމަ މާސްކު އެޅުމަށް އިލްތިމާސްކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން މާސްކު ނާޅާ މީހުން ކުށްވެރިނުވާނެ ކަމަށާއި އެޅުމާއި ނޭޅުން އެއީ އިހްތިޔާރީ ކަމެއް ގޮތުގައި ބަލައިގަންނާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ މި ނިންމުމަކީ ކޮވިޑަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމެއްކަމުގައި ބައެއް މަސްދަރުތަކުން ބުނެއެވެ. އެ ގައުމުގެ ޑާޓާ ތަކަށް ބަލާއިރު އޮމިކްރޯނާއެކު އައި ރާޅު ފެށުނީ މިދިޔަ ޑިސެމްބަރުގެ ފަހުކޮޅުގައެވެ. މިހާރު އަދަދުތައް ވަނީ މަދުވާން ފަށާފައެވެ. އެ ގައުމުން މިހާރު ދެކެނީ ކޮވިޑުގެ އާ ރާޅު ޕީކަށް އަރާ ނިމުނީ ކަމަށެވެ. ދެން ވާނީ ދަށް ކަމަށެވެ.

ކޮވިޑުގެ އާ ރާޅާއެކު އިނގިރޭސިވިލާތުން އެޅި ޕްލޭން ބީގެ ފިޔަވަޅުތައް ރަސްމީކޮށް ނިމޭނީ އަންނަ މާރިޗް މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރުން ފެށިގެން ފިޔަވަޅުތައް ލުއި ކުރަމުން ގޮސް އެ ތާރީހުގެ މާ ކުރިންވެސް ޕްލޭން އޭއަށް ރުޖޫއަ ވެވިދާނެ ކަމުގައި އެ ގައުމުގެ ބޮޑުވަޒީރު އިއްޔެ ވިދާޅުވިއެވެ.

މާސްކަށް ނިމުން ގެނައުމުގެ އިތުރުންވެސް އިތުރު ބައެއް ބޮޑެތި ނިންމުންތައް އިއްޔެ ނިންމާފައިވެއެވެ. އޭގެ ތެރޭގައި ސެލްފް އައިސޮލޭޝަންގެ މުއްދަތު ފަސް ދުވަހަށް ކުރުކުރުމާއި އާއްމު ހިދުމަތް ހޯދުމުގައި ވެކްސިން ކާޑުތަކާއި ކޮވިޑް ސޭފް ކާޑުތަކުގެ މަޖުބޫރީ ހާލަތު ނިމުމަކަށް ގެނައުންފަދަ ކަންކަން ހިމެނެއެވެ.

އިނގިރޭސިވިލާތުން މި ނިންމުންތައް ނިންމާފައިމިވަނީ އާއްމު އާބާދީއަށް ވެކްސިން ދީފައިވާ ނިސްބަތް ވަރަށް ބޮޑަށް މަތިވެސް ކުރުމަށްފަހުގައެވެ. އެގޮތުން ވެކްސިންގެ ހުރިހާ ޑޯޒްތަކެއް ފުރިހަމަކޮށްފައިވާ ނިސްބަތް 76 އިންސައްތައަށް އެ ގައުމުން ވަނީ އަރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް