ކުޑަ ދުވަސްކޮޅަކަށްފަހު ސަރުކާރާއި ދެކޮޅަށް ނުކުންނާނަން

ދުވަސްކޮޅަކު މަޑުކުރުމަށް ފަހު އިދިކޮޅު ފަރާތްތަކާއި އެކު ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ފަށާނެ ކަމަށް މިއަދު މަގާމުން ވަކިކުރެއްވި ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އ...

20 Jan 2015 | 10:33

ދުވަސްކޮޅަކު މަޑުކުރުމަށް ފަހު އިދިކޮޅު ފަރާތްތަކާއި އެކު ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ފަށާނެ ކަމަށް މިއަދު މަގާމުން ވަކިކުރެއްވި ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މަގާމުން ވަކިކުރެއްވުމާއި ގުޅިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކުރުމުން ވަގުތުން އިދިކޮޅު ފަރާތްތަކާއި ނުގުޅޭނެ ކަމަށެވެ. ނާޒިމް ވިދާޅުވީ އޭނާ އަކީ ސަރުކާރުގެ ވަރަށޤ ގިނަ ސިއްރުތަކެއް އެނގޭ މީހެއް ކަމުން ސަރުކާރަށް ވަގުތުކޮޅެއް ދިނުމަށް ފަހު އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރާއި ދެކޮޅަށް ނުކުންނާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިނިސްޓަރު ކަމުން ވަކިކުރިޔަސް ސިޔާސީ ދާއިރާއިން ދުރަށް ނުދާނެ ކަމަށާއި، މިހާރު ހުރި މަގާމަށްވުރެ މަތީ މަގާމަކަށް ދިއުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން ގިނަ ރައްޔިތުން އެދޭނެމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވާނެކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި ސަރުކާރުގެ އެއްވެސް މަގާމަކުން މިއަދުން ފެށިގެން ނުފެންނާނެ. އެކަމަކު އޭގެ މާނައަކީ އަޅޫގަނޑުގެ ސިޔާސީ ހަޔާތް ނިމުނީކީ ނޫން. އަޅޫގަނޑު ހަމަދާނީ ކުރިޔަށް. މިއައްވުރެ މަތީމަގާމަކަށް ދިއުމަކީ އަޒުމެއް. އަދި ގިނަ ރައްޔިތުން އެދޭކަމަކަށް ވާނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރާނަން،" ކުރީގެ ޑިފެންސް މިނިސްޓާ ނާޒިމް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފަތުހު ނާޒިމްގެ ގެއަށް ފުލުހުން ތަޅު ހަލާކު ކޮށްލައިގެން ވަތް މައްސަލައާއި ގުޅޭގޮތުން އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ގެއަށް ފުލުހުން ވަނުމަކީ ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން ނެތްކަން ހާމަވެގެންދާ ކަމެެއްކަމަށެވެ. ނާޒިމް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ދެއްވަން ބޭނުން ނުވާކަމަށާއި ނަމަވެސް މިހާތަނަށް ފުލުހުން އެދުނު ހުރިހާ މައުލޫމާތެއް ދީފައިވާއިރު އޭގެ ތެރޭގައި ގޭ އެންމެންގެ އިނގިލީގެ ނިޝާނާއި ބަޔާންވެސް ދީފައިވާނެ ކަމަށެވެ.

އެމައްސަލައިގަ ވަކީލެއްގެ ގޮތުގައި ނާޒިމް ހަމަޖައްސަވާފައިވަނީ ރައީސް މައުމޫނާއި ރައީސް ވަހީދު ސަރުކާރުގެ ބަންޑާރަ ނާއިބް އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ކަމަށެވެ. އޭނާ މިވަގުތު ރާއްޖޭގައި ނެތް ކަމަށާއި ރާއްޖެ ވަޑައިގެން އެ މައްސަލައިގަ ނާޒިމްގެ ފަރާތުން ވާހަކަދައްކަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެކަން ހިނގާދިޔަ ގޮތަށް ބަލާއިރު ހިތްހަމަ ނުޖެހޭ ކަމަށާއި އެކަމަކީ ރައީސް ޔާމީނަށް ނޭނގި ހިނގި ކަމެއްކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ. ނަމަވެސް ނާޒިމް ވިދާޅުވީ ފުލުހުން ދިއުމުން ރައީސް ޔާމީން ވިދާޅުވީ އެކަން ހިނގީ އެނގިގެން ނޫންކަމަށެވެ.

ނާޒިމް ޑިފެންސް މިނިސްޓަރު ކަމުން ވަކިކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅީގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް