ގައުމިއްޔަތު މިނިސްޓްރީގެ ކޯޕަރޭޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ޝަޒްލީން އަހްމަދު މަގާމުގެ މަސްއޫލިއްޔަތުތަކަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަން ސިވިލް ސަރވިސް ކޮމިޝަންގެ ޚާއްޞަ އޮޑިޓުން ފާހަގަ ވެއްޖެއެވެ.
ޝަޒުލީނު އިސްވެހުރެގެން އޭނާގެ ދަށުން މަސައްކަތްކުރާ ކޯޕަރޭޓުގެ ބައެއް މުވައްޒަފުންނާއެކު އެ ވުޒާރާގެ އިވެންޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އާތިކާއާ ދެކޮޅަށް ޕެޓިޝަނެއް ހުށަހެޅިފަހުން ސިވިލްސަރވިސްއިން ކުރިޔަށް ގެންދިޔަ މި އޮޑިޓުގައި ޑީޖީ އާތިކާ ޒިންމާވާންޖެހޭ އެއްވެސް މައްސަލައެއް ފާހަގަ ފާހަގަކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި މި އޮޑިޓު ރިޕޯޓުގައި ވާ ކަންކަމުން މުޅިން ވެސް ފެންނަނީ ޑީޖީ ޝަޒުލީނުގެ އިހުމާލުތަކެވެ.
އެ ގޮތުން އޮޑިޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާލާއިރު އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެކޯޑުތައް ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގައިވާ ގޮތުގެ މަތިން ރަނގަޅަށް ބެލެހެއްޓިފައިނުވުމާއި ވަޒީފާގެ އެއްބަސްވުން އަދި ވަޒީފާ ބަޔާން އެކުލަވާލުމުގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގައިވާ ގޮތުގެ މަތިން އަމަލުކޮށްފައިނުވުމާއި އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުން ޕްރޮބޭޝަން މުއްދަތުގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު އިދާރާގައި ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް (އެސްއޯޕީ) އެކުލަވާލާފައިނުވުމާއި އިދާރާގެ މުވައްޒަފުންގެ ހާޒިރީއާ ގުޅޭ މަޢުލޫމާތު ރަނގަޅަށް ބެލެހެއްޓިފައިނުވުމާއި އިތުރުގަޑީގައި މުވައްޒަފުންކުރާ މަސައްކަތްތަކާއި ވަގުތު ހޭދަކުރާގޮތް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތައް ރަނގަޅަށް ބެލެހެއްޓިފައިނުވުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ސީ.އެސް ވިއުގައިގެ އީ - ޕަރފޯމަންސް މެނޭޖްމަންޓް މޮޑިއުލް މެދުވެރިކޮށް މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށްގެންގޮސްފައިނުވާކަމަށާއި މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމުގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ޗެޕްޓަރ 28 ގައިވާ ގޮތުގެމަތީން އަމަލުކޮށްފައިނުވާކަން ވެސް އެ އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް