އެޗްޑީސީއާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަ: ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީ އަމުރުކުރައްވައިފި

މިހާރު ފެންމަތިވެގެން މި އުޅޭ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައިގާ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އަމު...

19 Dec 2024 | 07:36

މިހާރު ފެންމަތިވެގެން މި އުޅޭ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައިގާ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އަމުރުކުރައްވައިފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ސަރުކާރުން ހިންގާ "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މި ކަމަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ، މިއީ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވާކަމަށެވެ.

" ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ މަސައްކަތް ފެށުނީއްސުރެ މިއަދާ ހަމައަށް ހިނގާފައިވާ އެންމެހައި ކަންކަންމުގެ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގުމަށްފަހު، އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށްޓަކައި މިއޮފީހަށް ހުށަހެޅުމަށް،  ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފި" ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު އެއް ފަހަރު ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަމުން ގެންދިއުމަށާއި، މި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރެއްވިކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް