އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުވެސް މަގާމުން ސަސްޕެންޑްކޮށްފިއެވެ.
ފަޒުލްގެ ބޭބެ ފަޒީލް އަދާކުރަމުންދިޔައީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ (ޑީއެމްޑީ) ގެ މަގާމެވެ.
އެމްޑަބްލިއުއެސްސީއިން މިއަދު ބުނެފައިވަނީ އެޗްޑީސީއާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިއަށްގެންދާ ތަހުގީގަށް ފުރިހަމަޔަށް އެހީތެރިކަން ދިނުމުގެ ގޮތުން އެ ކުންފުނީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު މިއަދުން ފެށިގެން ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭގޮތަށް ސަސްޕެންޑް ކޮށްފައިވާކަމަށެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަނީ ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާއި ގުޅޭ ރަޖިސްޓްރީއެއް ހެދި މައްސަލައެކެވެ.
މި އަހަރުގެ މެދުތެރޭގައި ހިންގަމުންދިޔަ އެ މުއާމަލާތްތައް ފެންމަތިވީ ކާކުކަން ނޭނގޭ ފަރާތަކުން އެކްސްގައި "ހަސަން ކުރުސީ" ނަމުގައި ހިންގަމުން އަންނަ އެކައުންޓަކުން މިކަމާއި ގުޅޭ ލިޔެކިޔުންތައް ހާމަކުރުމާއި ހަމައިންނެވެ.
އެ ލިޔެކިޔުންތަކާއި އަދި ފަހުން އެޗްޑީސީއިން ހާމަކުރި މައުލޫމާތުތަކުން އެނގޭގޮތުގައި އެ ގޯއްޗެއްގައި ވަށާ ފާރު ރާނަން ފަޒީލް އެދުނީ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ. އެއާއެކު އެޗްޑީސީއިން ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގައި އިތުރު ފަރާތެއްގެ ހަމަ އެފަދަ ރިކުއެސްޓެއް ހިމަނާފައިވާއިރު ހައުސިން މިނިސްޓްރީން އޯގަސްޓް 15ގައި އެޗްޑީސީއަށް ދިން ޖަވާބުގައި ބުނެފައިވަނީ އެއީ ބިންވެރިޔާ ލިސްޓުގައި ހިމެނޭ ބައެއް ނޫން ކަމަށެވެ.
މި ތަހުގީގު ފެށިއިރުވެސް ފަޒީލް ވަނީ އެ ގޯތީގެ ވަށާ ފާރުވެސް ރާނަން ފަށާފައެވެ. ހަތަރު ފޫޓު އުސްމިނަށް މިހާރު އެ ފާރު ރާނާފައިވާއިރު ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ފަޒީލްގެ ބޭބެ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އޭނާގެ ބޭބެއަށް ނުހައްގު ބިމެއް ހޯދައިދޭން އުޅުނު ކަމުގެ ތުހުމަތެވެ.
އެހެންނަމަވެސް ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ އެ ލިސްޓުގައި އޮތް ދެ ނަމުން އެއް ނަމަކީ ބޭބެގެ ނަމަށްވުމަކީ އިއްތިފާގެއް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުންނާއި އޭސީސީއިން ކުރަމުން އަންނައިރު އެޗްޑީސީގެ ޗެއާމަން ނާސިފް ފިޔަވައި އެ ބޯޑުގެ ހުރިހާ މެންބަރުން މިއަދު ވަނީ ސަސްޕެންޑްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް