ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި ރައީސް އޮފީހާއި އާބަންކޯއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި ޕެޓިޝަން ހުށަހަޅާފައި ވަނީ 130 މީހުންގެ ސޮޔާއެކުއެވެ.
މި ޕެޓިޝަނުގައި ބުނެފައިވާ ގޮތުންވިނަރެސްގެ އެޕާޓްމަންޓްތައް ހަދާފައި ވަނީ ލަގްޒަރީ ފެންވަރުގައި ކަމަށް ބުނި ނަމަވެސް އެތަނުގައި އެ ކޮލިޓީ ނެތް ކަމަށެވެ.
ހަމަ އެހެންމެ ލަގްޒަރީ އެޕާޓްމަންޓެއްގެ އަގުގައި އެތަންތަން ވިއްކުމަކީ ރައްޔިތުންގެ އިހްސާސްތަކަށް ބެލުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ފްލެޓުތަކުގެ ފިނިޝިން މަސައްކަތާއި ބޭނުންކޮށްފައިވާ ތަށިމުށީގެ ފެންވަރު ދަށްވުމާއި ޓެރަސްގައި ދޮރު ހަރުކުރުމަށާއި ތަށިމުށި ޖެހުމަށް ބޮޑު ހަރަދެއް ކުރަންޖެހިފައިވާ ކަމަށް ވަނީ އެ ޕެޓިޝަނުގައި ފާހަގަކޮށްފައެވެ.
މި ޕެޓިޝަނުގައި އިތުރަށް ފާހަގަކޮށްފައިވާގޮތުން ބަދިގޭގައި ހުޑް ނެތި ތަނުގެ ސެޓަޕް ފުރިހަމަ ނުވުމާއި ކުޑަދޮރުތައް އެތެރެއަށް ހުޅުވާ ގޮތަށް ހުރުމުން 15 އަކަފޫޓު އެތެރެއިން ވަނީ ގެއްލިފައެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތަށް ވިނަރެސް ފްލެޓެއްގެ މަހު ކުލި 7،000 ރުފިޔާއަށް ކުޑަކުރެވެން ޖެހޭނެ ކަން ފާހަގަކޮށް އެ ޕެޓިޝަނުގައި ވަނީ އެ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް