ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ޗައިނާގެ ސްޓޭޓް ކައުންސިލަރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒްއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ތައުޒިޔާގެ މެސެޖު ފޮނުވާފައި މިވަނީ ޗައިނާގެ ހުޅަނގު އުތުރުގެ ގަންސޫ ޕްރޮވިންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެންނެވެ.
މިނިސްޓަރ ޒަމީރުގެ މެސެޖުގައި ވަނީ 18 ޑިސެމްބަރު 2023 ގައި ޗައިނާގެ ހުޅަނގު އުތުރުގެ ގަންސޫ ޕްރޮވިންސަށް އައި ބިންހެލުމުގައި އެތައް ބައެއްގެ ފުރާނައާއި ޒަހަމްތަކާއި މުދަލާއި އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކުގެ ޚަބަރު ލިބުމުން ވަރަށް ހިތާމަކުރާ ކަމަށެވެ.
އަދި މި ނުރައްކާތެރި ހިތާމަވެރި ހާދިސާއަށްޓަކައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާ ކަމަށް ތައުޒިޔާގެ މެސެޖުގައި ވެއެވެ. އަދި މި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށްވެސް މިނިސްޓަރގެ މެސެޖުގައި ވަނީ ތައުޒިޔާ ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް