ދިވެހިރާއްޖޭގެ 19 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ ވޯލްޑް ބޭންކުގެ އިންޓަރނޭޝަނަލް ޑިވޮލޮޕްމަންޓް އެސޯސިއޭޝަން – އައިޑާ އާއި އޭޝިއަން އިންފްރާސްޓަރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ ލޯނާއި ހިލޭއެހީގައި ހިންގުމަށް ރާވާފައިވާ މަޝްރޫއެކެވެ. އެއީ އިންޓަރނޭޝަނަލް ޑިވޮލޮޕްމަންޓް އެސޯސިއޭޝަނުން ގްރާންޓުގެ ގޮތުގައި 6.2 މިލިއަން ޑޮލަރު އަދި އޭޝިއަން އިންފްރާސްޓަރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ 20 މިލިއަން ލޯނުގެ އެހީއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި އައްޑޫސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނަ ފިޔަވަހީގައި ބ.އޭދަފުށި، ޅ.ހިންނަވަރު އަދި ކުޅުދުއްފުށި ސިޓީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ވަނީ ނިންމާފައެވެ. ތިންވަނަ ފިޔަވަހީގައި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ރަށްތަކަކީ ލ.ފޮނަދޫ، ލ.އިސްދޫ، ލ.ކަލައިދޫ، ލ.ދަނބިދޫ، ލ.މާބައިދޫ، ލ.ކުނަހަންދޫ، ލ.ހިތަދޫ އަދި ށ.ފުނަދޫއެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢު ނިމުމުން ފައިބާ އޮޕްޓިކް ކޮމިއުނިކޭޝަން ވިއުގަ އާއި ނެޓްވޯކް އޮޓޮމޭޓެޑް ކުރުމުން އިންޖީނުގޭގެ އޮޕަރޭޓިންގް ސްޓޭޓަސް ވަގުތުން ބަލާލެވޭނެ ކަމަށެވެ. އަދި ހައިބްރިޑް ކަރަންޓު ނިޒާމު އެދެވޭ ގޮތަށް މަސައްކަތް ކުރެވޭނެ ކަމަށާއި އޭގެ ސަބަބުން، ދިމާވާ ކުދިކުދި ޓެކްނިކަލް މައްސަލަތައް ވަގުތުން ހައްލުކުރެވި ކަރަންޓުކެނޑޭ ހާލަތްތައް މެދުވެރިވުން ކުޑަވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، މަޝްރޫޢު ނިމުމުން ކުރިއަށް އޮތް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވޯކް އިންފްރާސްޓްރަކްޗާ ކަށަވަރުވެ، ގިނަ ރަށްތަކުގައި ދިމާވެފައިވާ ވޮލްޓޭޖްޑްރޮޕް މައްސަލަތައްވެސް ހައްލުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް