އިޒްރޭލުގެ ރައްޔިތުން ރާއްޖެ ނުދިއުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގައިފި

ރާއްޖޭގައި އިޒްރޭލާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރުވަމުން ދިއުމާ ގުޅިގެން އިޒްރޭލްގެ ރައްޔިތުން ރާއްޖެ ނުދިއުމަށާއި އަދި ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް އެ ގައު...

19 Dec 2023 | 12:26

ރާއްޖޭގައި އިޒްރޭލާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރުވަމުން ދިއުމާ ގުޅިގެން އިޒްރޭލްގެ ރައްޔިތުން ރާއްޖެ ނުދިއުމަށާއި އަދި ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ހަމާސްއާ އެކު ހިނގަމުން އަންނަ ހަނގުރާމައިގައި އިޒްރޭލާ ދެކޮޅު ފިކުރު އިތުރުވެފައިވާ ކަމަށް ބުނެ ފޮރިން މިނިސްޓްރީން ވަނީ އިޒްރޭލުގެ ރައްޔިތުން ރާއްޖެ ޒިޔާރަތް ނުކުރުމަށް ޓްރެވަލް އިންޒާރެއްދީ ބަޔާނެއް ނެރެފައެވެ.

އެ އިންޒާރުގައި ބުނެފައި ވަނީ ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމުން، އިޒްރޭލުގެ ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާނަމަ އިޒްރޭލުގެ ފޮރިން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ހަނގުރާމައާއި ގުޅިގެން އިޒްރޭލުން ނެރެފައިވާ ދަތުރުފަތުރުގެ އިންޒާރުގެ ދަށުން އެގައުމުގެ ރައްޔިތުން މުސްލިމް އެހެން ޤައުމުތަކާއެކު ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް މީގެ ކުރިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއާއި އިޒްރޭލާއި ދެމެދު އޮތް ސިޔާސީ ގުޅުންތައް 1987 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ވަނީ ކަނޑާލާފައެވެ.

ދިވެހި ރައްޔިތުން އަންނަނީ ފަލަސްތީނު މީހުންގެ ދިފާއުގައި އަޑު އުފުލައި، ބައިނަލްއަގުވާމީ މައިދާނުގައިވެސް އެ މީހުންގެ ހައްގުތައް ދިފާއުކުރުމަށް އަޑު އުފުލަމުންނެވެ. އެގޮތުން، އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، އެފަދަ ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވެއެވެ. މީގެ އިތުރުންވެސް، ދިވެހިންގެ ސަޕޯޓު އޮތީ ފަލަސްތީނާއެކުކަން ހާމަކުރަން އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް