ފައިލޭރިއާއަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ ކުރަމުންދާ މަސައްކަތުގެ ތެރެއިން ފައިލޭރިއާއަށް ސްކްރީން ކުރުން އިތުރުކުރުމަށް ޓާސްކް ފޯރސްއެއް އެކުލަވާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ކެމްޕެއިނުގައި ފައިލޭރިއާއަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާކަމަށާއި، އެފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާންމުކޮށް ފެންނަ 'އެންޑެމިކް' ޤައުމުތަކުން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ލަފައާއެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މިހާރު ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކަމާގުޅުން ހުރި އެހެން ފަރާތްތައް ހިމެނޭހެން ޓާސްކް ފޯރސްއެއް އެކުލަވާލާފައެވެ.
ކުޅުދުއްފުށީގައި މިހާތަނަށް 295 ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރެވި، އިތުރު ފަރާތްތައް ވެސް ސްކްރީން ކުރަމުން އަންނަ އިރު، 19 ބިދޭސީ މަސައްކަތްތެރިއަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭ އިން ބުނީ ފައިލޭރިއާއަށް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓު ކިޓުތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށާއި، އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާ ގުޅިގެން އިތުރު ކިޓުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތަކާއި ފައިލޭރިއާ އާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ވެސް ރާވައިގެން ހިންގަމުން އަންނަކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. އަދި ކުރިއަށްވެސް މުހިންމު މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ރެންޑަމްކޮށް މީހުން ޓެސްޓުކުރުމާއި، ރާއްޖޭގެ އެހެނިހެން ރަށްތަކުގައިވެސް ފައިލޭރިއާ ސްކްރީނިންގ ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ފައިލޭރިއާއަކީ ދިވެހިރާއްޖެއިން 2016 ވަނަ އަހަރު ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ބައްޔެކެވެ. މި ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ (ޕެރަސައިޓް) ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް