ޓިކްޓޮކް ޔޫއްޓޭގެ އެ ފަޅި ސިކުންތުގެ ހަތްވަނަ އެޕިސޯޑު ރިލީޒްކޮށްފި

މަޝްހޫރު ޓިކްޓޮކް ޔޫއްޓެގެ މަގްބޫލު ވާހަކަ "އެ ފަޅިސިކުންތު" ގެ ހަތްވަނަ ޕާޓު ރިލީޒްކޮށްފިއެވެ. ޔޫއްޓޭގެ މި ވާހަކައިގެ ކޮންމެ އެޕިސޯޑަކީވެސް ދިވެހީންގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެޕިސޯޑެއ...

19 Dec 2023 | 05:00

މަޝްހޫރު ޓިކްޓޮކް ޔޫއްޓެގެ މަގްބޫލު ވާހަކަ "އެ ފަޅިސިކުންތު" ގެ ހަތްވަނަ ޕާޓު ރިލީޒްކޮށްފިއެވެ.

ޔޫއްޓޭގެ މި ވާހަކައިގެ ކޮންމެ އެޕިސޯޑަކީވެސް ދިވެހީންގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެޕިސޯޑެއްކަން އެ ވާހަކައިގެ ހަ ވަނަ އެޕިސޯޑާއި މި އެޕިސޯޑާއި ދެމެދަށް މިދިޔަ މުއްދަތުގައި ސޯޝަލް މީޑިއާއިން އެނގިގެންދެއެވެ.

އެގޮތުން ޓައިޓޭނިކް ފެތި، ވާހަކައިގެ ފިރިހެން ލީޑު ބަޝީރު ވިއްސައިގެން ގޮސް ވެލައެއްގެ މައްޗަށް ޖެހުމާއި، އެއަށްފަހު ބަންޖޯނިޔާއަށް ދެވުމާއި، އަންހެން ލީޑު ނީނާ އާއި ކައިވެނީގެ ތައްޔާރީތަކުގެ ވާހަކަތައް އެތައް ގޮތަކުން އެތައް ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ގެންގޮސްފައިވެއެވެ.

"އެ ފަޅި ސިކުންތު"ގެ ހަތްވަނަ އެޕިސޯޑު ނުވަ މިނެޓަށް ދިގުދަންމާލާފައިވާއިރު އަރުވާޖަހާލައިގެން ފުއްޓަކި ޖަހަމުން ސީން ބަދަލުކޮށްލަމުން ވަރަށް އަސަރާއެކު ޔޫއްޓޭ ވާހަކަ ކުރިއަށް ގެންގޮސްފައިވެއެވެ.

މި އެޕިސޯޑުގެ އިސްތިހާރެއްގައި ކުރިން ޔޫއްޓޭ ބުނެފައިވަނީ މި އެޕިސޯޑަކީ ކިޔުންތެރިންނާއި ބެލުންތެރިން ރޮއްވާލާ، ހެއްވާލާ އަދި ނިންދަވާލާނެ އެޕިސޯޑަކަށް ވެގެންދާނެ ކަމަށެވެ.

ހަތްވަނަ އެޕިސޯޑުގެ ބޮޑު ސުވާލެއް އުފެއްދިއެވެ. އެއީ ނީނާގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަކީ ކާކުކަމާމެދު އުފެދޭ ބޮޑު ސުވާލެވެ.

ހަތްވަނަ އެޕިސޯޑްގެ ފަހު މިނެޓެއް ދެމިނެޓުގައި ގިނައިން ދެއްކީ ޓިކްޓޮކް ތަރި އަދި ޕްރޮފެޝަނަލް ނެށުންތެރިޔާ އަދި "އެ ފަޅިސިކުންތު"ގެ ލިޔުންތެރިޔާ ޔޫއްޓޭ ކުޅުދުއްފުއްޓަށް ވަޑައިގަންނަ ވާހަކައެވެ. އަދި ޔޫއްޓޭ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ އެ ރަށުގެ ގެސްޓް ހައުސްތައް ފުލްވެފައިވާ ވާހަކައާއި ފުއްޓަރު ފަރާތުގައި އިތުރު ކޭމްޕްތަކެއް ޖަހަންޖެހޭ ވާހަކައާއި އަންހެންވެރިން ހޭނެތޭނެތީ ހޮސްޕިޓަލުގައި އެނދުތައް އިތުރުކުރި ވާހަކައެވެ.

ކޮންމެއަކަސް "އެ ފަޅިސިކުންތު"ގެ ހަތްވަނަ އެޕިސޯޑް ޔޫއްޓޭ ނިންމާލީ އަށްވަނަ އެޕިސޯޑުވެސް ލަހެއް ނުވެ ގެނެސްދޭނެކަމުގެ އުފާވެރި ޚަބަރާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް