މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) މެންބަރުންގެ ދަފްތަރަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ދަފްތަރެއްކަމުގައި އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެމްޑީޕީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ޕާޓީގެ އެންމެ އަގުހުރި ރައުސުލްމާލަކީ ޕާޓީގެ އާއްމު މެމްބަރުންކަމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި އިންތިޒާމުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާ އެކު މި ޕާޓީގެ އަސާސްތަކަށް ތާއީދުކުރާ ކޮންމެ ދިވެހި ރައްޔިތަކު ޕާޓީގެ މެމްބަރަކަށް ވުމަކީ އަބަދުވެސް މި ޕާޓީން މަރުހަބާ ކިޔާނެ ކަމެއް ކަމަށެވެ. އެއާއެކު ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަކީ އެ ޕާޓީން އިސްކަންދޭ ކަމެއްކަމަށާއި އެ ޕާޓީއަކީ އަބަދުވެސް ޕާޓީގެ އެތެރޭގެ އިންތިހާބުތައް އާއްމު މެމްބަރުންގެ ނުހަނު ބޮޑު ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ޕާޓީއެއް ކަމަށާއި މި އިންތިހާބުތަކުގައި ވޯޓުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި މި ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމުގައި އެ ޕާޓީން ބުނެފައިވެއެވެ.
"ނަމަވެސް, ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް، މިއީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެއް" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ޕާޓީގެ މެމްބަރުކަން ބާތިލުވާނީ ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމުން ކަމަށާއި އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ވަނީ “އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީގެ މެމްބަރަކަށް ނުހުރެވޭނެ” ކަމަށް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"އެމްޑީޕީގެ ގައުމީ މަޖިލީހަށް 29 މޭ 2022 ގައި ހުށަހެޅި ފާސްކުރެވުނު ގަރާރުގައި އޮތީ “މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި, ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށާއި, މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ އިން ވަކިކުރުމަށާއި, އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށެވެ. މި ނިންމުމާ އެއްގޮތަށްވާ ގޮތުގެ މަތިން މިއަދާ ހަމައަށް ވެސް އެ މެމްބަރުން މި ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ނިމިދިޔަ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގައި ޕާޓީގެ ދަފްތަރު ސައްހަކުރަންޖެހޭކަމަށް ވިދާޅުވެފައިވާކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ އެ ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާ އިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައިކަމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރާކަމަށްވެސް އެ ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީއިން މިއަދު މި ނޫސްބަޔާން ނެރެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕާޓީގެ ދަފްތަރު ވަނި ގަޑުބަޑު ކޮށްފައިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް