ފްރާންސްގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އެންމެ ފަހުން ބެލޮން ޑިއޯ އެވޯޑް ވެސް ހާސިލްކޮށްފައިވާ ކަރިމް ބެންޒީމާ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާ ކޮށްފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސުން ނެގި ސްކޮޑްގައި ބެންޒެމާ ހިމެނުނު ނަމަވެސް ލިބުނު އަނިޔާއަކާއި ގުޅިގެން މުބާރާތް ފެށެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ބެންޒެމާ އަށް ވަނީ މުބާރާތް ގެއްލިފައެވެ.
ނަމަވެސް ދުނިޔޭގެ ގިނަ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބެނެޒެމާ މުބާރާތާއި ވަކިވީ އަނިޔާގެ މައްސަލައަކާއި ގުޅިގެން ނޫނެވެ. އޭނާ މުބާރާތާއި ވަކިވީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އާއި ދެމެދު މައްސަލަތަކެއް ޖެހިގެންނެވެ. ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައި ވަނީ ބެމްޒެމާއަށް ލިބުނު އަނިޔާ އަށް ބަލާއިރު، އެއީ މާ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި ނަމަވެސް ކޯޗު ބޭނުން ނުވުމުން ބެންޒެމާއަށް ފުރުސަތު ނުދިނީ ކަމަށެވެ.
ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔާވިކަން ބެންޒެމާ އިއުލާން ކުރީ މިރޭ އިންސްޓަގްރާމްގައި ކުރި މެސެޖަކުންނެވެ. އެގޮތުން ބެންޒެމާގެ މެސެޖުގައި އޭނާ ބުނެފައިވަނީ މިއަދު މި ހުރި ހިސާބާއި މެދު ފަޚުރުވެރިވާ ކަމަށާއި އަދި އޭނާ ލިޔުނު އޭނާގެ ވާހަކަ މިހިސާބުން ނިމުމަކަށް އައީ ކަމަށެވެ.
" އަހަރެން މިއަދު މި ހުރިހިސާބާއި މެދު އަހަރެން ފަޚުރުވެރިވަން. ލިޔުނު ވާހަކަ މިހިސާބުން ނިމުމަކަށް އައީ." ބެންޒެމާގެ މެސެޖުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެންމެ ފަހުން ނިމިގެން ދިޔަ ވޯލްޑް ކަޕް ފައިނަލުގައި ބެންޒެމާ ފްރާންސްގެ ސްކޮޑުގައި ހިމެނޭނެ ކަމަށް ބުނެ މީޑިއާތަކުން ޚަބަރު ފެތުރިއެވެ. ނަމަވެސް މި ޚަބަރުތަކާއި ގުޅިގެން ބެންޒެމާ ބުނެފައިވަނީ އޭނާ ފައިނަލް މެޗު ކުޅުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި ރޭގެ ފައިނަލް މެޗު ބެލުމަށް ގަތަރަށް ދާން ފްރާންސްގެ ރައީސް ދިން ދައުވަތުވެސް ބެންޒެމާ ވަނީ ގަބޫލު ނުކޮށްފައެވެ.
ބެންޒެމާ ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަ ކުރި ނަމަވެސް އޭނާ ކުލަބު ފުޓްބޯޅައިން ފެންނާނެއެވެ. ބެންޒެމާ އަކީ މިވަގުތު ރެއާލް މެޑްރިޑުގައި ހުރި އެންމެ މޮޅު ފޯވާޑް ކުޅުންތެރިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް