މީހުންނަށްޓަކައި ކޮށްދޭ ކުދިކުދި ކަންކަމުން ސިއްހަތަށް ކުރާ ފައިދާ

މީހުންނަށް އެހީތެރިވެދީ ހެޔޮބަހެއް ބުނުންފަދަ ކަންކަމަކީ ހަމައެކަނި އަނެކާގެ ހިތް އުފާވާ ކަމެއްގެ އިތުރުން ތިމާގެ ސިއްހަތާއި ދުޅަހެޔޮކަމާއި އުފާވެރިކަން އިތުރުކޮށްދޭ ކަމެއްކަމުގައި ދިރާސާތަކުން ދައްކަ...

19 Dec 2022 | 17:16

މީހުންނަށް އެހީތެރިވެދީ ހެޔޮބަހެއް ބުނުންފަދަ ކަންކަމަކީ ހަމައެކަނި އަނެކާގެ ހިތް އުފާވާ ކަމެއްގެ އިތުރުން ތިމާގެ ސިއްހަތާއި ދުޅަހެޔޮކަމާއި އުފާވެރިކަން އިތުރުކޮށްދޭ ކަމެއްކަމުގައި ދިރާސާތަކުން ދައްކައެވެ. އަނބުރާ ފައިދާއެއް ލިބޭނެ ކަމަށް ނުވިސްނާ މީހުންނަށް ހިތުގެ ރުހުމުން ކޮށްދޭ ކަންކަމަކީ ސިކުޑީގެ ރިވޯޑް ސެންޓަރަށް އުފާވެރިކަން އިހުސާސްކޮށްދޭ ކަމެކެވެ. އަދި އުފާވެރިކަން ހަށިގަނޑަށް އިހުސާސްކޮށްދޭ ހޯމޯންތައް ބޫސްޓް ކޮށްދޭ ކަމެއްވެސްމެއެވެ. މިހެންވުމުގެ ސަބަބުން ދުޅަހެޔޮ ސިއްހަތަކާއެކު ދިގު އުމުރަކަށް މަގުފަހިވެގެންދިޔުމުގެ އިތުރުން ތިބާގެ ސިއްހަތަށް ކުރާނެ އިތުރު ފައިދާތަކަކީ ކޮބައިބާއެވެ.؟

ލޭގެ ޕްރެޝަރު ދަށްކޮށްދިނުން

ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި މީހުންނަށް ރަނގަޅު ކަމެއް ކޮށްދިނުމުން ނުވަތަ އުފާވާނެ ކަމެއް ކޮށްދިނުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ހިތުގެ ސިއްހަތު ދުޅަހެޔޮ ކޮށްދޭ ކަމެކެވެ. ސަބަބަކީ އެކަމަކީ އެވަގުތު ނޫނީ އެދުވަސްކޮޅަކު ތިމާގެ ހިތަށް ހިތްހަމަޖެހުން ގެނުވަދޭނެ އަދި އަމިއްލަ ނަފްސާއި މެދުވެސް ހިތްހަޖެހުމުގެ އިހުސާސް ކޮށްދޭނެ ކަމަކަށްވާތީއެވެ.

ތަދު ކުޑަކޮށްދިނުން

މީހަކަށްޓަކައި ހޭދަކުރުމަކީ އެކަމުގެ ސަބަބުން ތަދު އިހްސާސްވުން ކުޑަކޮށްދޭ ކަމެކެވެ. މިކަންކަމަކީ ކިހިނެއްވާނެ ކަމެއްތޯ ތިބޭފުޅުންގެ ސުވާލު އުފެދޭނެކަން ޔަގީނެވެ. ސައިންސްވެރިންނަށް ހޯދިފައިވާ ގޮތުން ސިކުނޑީގައި ތަދު އިހުސާސްވާ ހިސާބުތަކުގެ މަސައްކަތްކުރުން އުފާވެރިކަމުގެ އިހުސާސާއެކު ކޮންމެވެސްވަރަކަށް ނުވަތަ ދިގު ވަގުތު ކޮޅަކަށް ހުއްޓިގެންދެއެވެ. އެގޮތުން މީހަކަށް ރަނގަޅަށް ކަމެއް ކޮށްދެވުމަކީ ސިކުނޑިއަށް އުފާވެރިކަމުގެ އިހުސާސް ފޯރުކޮށްދޭ ފަސޭހަ ގޮތެކެވެ.

އުފާވެރިކަން އިހްސާސްވުން

މީހުންނަށް ހިތްހެޔޮވުމަކީ އުފާވެރިކަން އިތުރުކޮށްދޭ ކަމެކެވެ. މިކަމާއި ގުޅިގެން އިނގެރޭސިވިލާތުގައި ހަ ހަފްތާގެ މުއްދަތަކަށް ތިން ގުރޫޕަކަށް ބަހައިލައިގެން ކުރެވުނު ދިރާސާއަކުން މިކަންވަނީ ސައިންޓިފިކަލީވެސް ސާބިތުވެފައެވެ. އެގޮތުން ދިރާސާކުރި މުއްދަތުގެ ތެރޭގައި އެއްގުރޫޕްގެ މީހުން ކޮންމެ ދުވަހަކުވެސް މީހަކަށް ރަނގަޅުކޮށް ކަމެއް ކޮށްދޭންޖެހުނުއިރު އަނެއް ގުރޫޕުން ކުރީ ކޮންމެ ދުވަހަކުވެސް އާކަމެކެވެ. އަދި ތިން ވަނަ ގުރޫޕްގެ މީހުން އެއްވެސް ކަމެއް ނުކުރާ ގޮތަށް ހަ ހަފްތާވަންދެން ކުރެވުނު އޮބްޒާރވޭޝަނުން ސާބިތުވި ގޮތުގައި މީހުންނަށް އެހީތެރިވެ ކަމެއް ކޮށްދިން ފުރަތަމަ ގުރޫޕުގެ މީހުންގެ އުފާވެރިކަމުގެ އިހުސާސް އިތުރުކަމަށް ދައްކައެވެ.  މި ދިރާސާގައި މިމީހުން ކުރި ކަންކަމަކީ ހިނިތުންވެލުމާއި، ރަނގަޅު ބަހެއް ބުނުން ނުވަތަ ތައުރީފެއްކޮށްލުން ފަދަ ކުދިކުދި ކަންކަން ކަމުގައިވެސް ފާހަގަ ކޮށްލަންޖެހެއެވެ.

މުޖުތަމައުގައި އެކަކު އަނެކަކަށްޓަކައި ކޮށްދެވިދާނެ ކުދި ކުދި ކަންކަން

  • ވާހަކަ ދެއްކުމުގައި އަބަދުވެސް ހިތްހެޔޮ ކަމާއެކު ވާހަކަދެއްކުމާއި ، ތިމާއާއެކު އުޅޭ އާއިލާ މެންބަރުން، ރަށްޓެހިން އަދި ވަޒީފާގެ މާހައުލުގައި އެކަކު އަނެކަކަށް އުފަލާއެކު ތައުރީފެއްކޮށްލުން.
  • ދުއްވާ އުޅަދެއްގައި އުޅޭކަމުގައި ވާނަމަ މަގުން ހިނގާ މީހުންނަށް ޖާގަ ދިނުމާއި އެހެން އުޅަދުތަކަށްވެސް މަގު ދައްކައިދިނުން.
  • ތިމާ ދަންނަ އުނދަގުލުގައި އުޅޭމީހަކަށްޓަކައި ހުރުން . އެމީހެއްގެ ދަތި ހައްލުކޮށް ނުދެވުނެއްކަމަކު ހިތާމަތަކާއި އިހުސާސްތަކުގެ އަޑުއަހާލުން.
  • މީހަކަށް މައާފުކޮށްލާ ގުޅުން ބަދަހި ކުރަން ކުޑަހިތްވަރެއްލުން.
  • ގިނަ ދުވަހު ދިމާނުވާ ހަޔާތުގެ އެއް އިރެއްގައި މުހިއްމުވި މީހަކާއި ފޯނުން ގުޅާލުން ނުވަތަ ގެއަށް ދައުވަތެއްދިނުން.
  • ބިޒީކޮށް ނުވަތަ ޓެސްޓު ދުވަސްވަރު ހިތްހަމަ ޖައްސާލުމުގެ ބޭނުމުގައި ކުޑަކުޑަ ހަދިޔާއެއްދިނުން.
  • ބަލި މީހަކަށް ޒިޔާރަތްކޮށްލުން.

މިކަންކަމަކީ  ޕްލޭން ކޮށްގެންވެސް ނޫނީ ހަމަ ހުރެފަވެސް ގިނަ ބަޔަކަށް ނޭގި ސިއްރުންވެސް ކުރެވޭނެ ކަންތައްތަކަކަށްވުމަކީ އުފާކުރަންޖެހޭ ކަމެކެވެ. ސަބަބަކީ މިކަންކަމަކީ ސިކުޑިއަށް ޕޮޒިޓިވް ސިގްނަލްތަކެއް ފޯރުކޮށްދޭ އަމިއްލަ ނަފްސަށް ހިތްހަމަޖެހުމުގެ އިހުސާސް ގެނުވާ ކަންކަން ކަމުގައިވުމެވެ. އަނެކާއަށްޓަކައި ހެޔޮ ކަމެއް އަދި ހެޔޮ ބަހެއް ބުނުމަކީ ދެފަރާތަށްވެސް މޮޅު ލިބޭ، އާޙިރަތުގައިވެސް އެކަމުން ސަވާބު ލިބޭނެ ކުރުން މުހިއްމު އަދި ފަސޭހަ ކަންކަމެވެ. އަބަދުވެސް ވިސްނަންވާނީ އެހެންމީހަކަށްޓަކައި ކޮށްދޭ ކޮންމެ ކަމަކީ ތިމާގެ އަމިއްލަ ނަފްސާއި ސިއްހަތަށް ދެވޭ ހަދިޔާއެއްކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް