ސިނަމާލޭ ބްރިޖުގައި މިދިޔަ ހުކުރު ދުވަހު މެންދުރު ހިނގި އެކްސިޑެންޓުގައި މަރުވި ވިޔަފާރިވެރިޔާ އިސްމާއިލް މޫސާގެ އެކްސިޑެންޓު ހިނގާ މަންޒަރު ފެންނަ ވީޑިއޯ ލީކުވި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
އެ ވީޑިއޯ އަކީ މާލެއިން ހުޅުމާލެއަށްދާ ލޭނުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއިން ރެކޯޑު ކުރެވިފައިވާ މަންޒަރުތަކެއް ކަން އެނގެ އެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ސީސީޓިވީ ފުޓޭޖު ޕްލޭކޮށްގެން ކޮށްފައިވާ ވީޑިއޯއެކެވެ.
މި މައްސަލައިގަ ފުލުހުންނަށް ނޫސްވެރިންގެ ސުވާލުތައް އަމާޒުވާން ފެށުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ވީޑިއޯ ދައުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިއްސެގެ އާއިލާ އިން ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އެދުނެވެ.
ފުލުހުން ބުނީ އިއްސެ މަރުވި އެކްސިޑެންޓުގެ ވީޑިއޯ އާންމުވި މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެ ވީޑިއޯ އާންމުވީ ކިހިނެއްކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ސީސީޓީވީ ކެމެރާ ފުޓޭޖުގެ އެކްސެސް ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަންގެ ވަރަށް ގިނަ މުވައްޒަފުންނަށް އޮންނަ ކަމަށެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އިއްސެ މަރުވީ، އޭނާ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދުއްވާފައި ގޮސް ކާރުގައި ޖެހިގެންކަން އެނގެ އެވެ.
އިއްސެގެ ސައިކަލު ޖެހެނީ މާލޭ ކޮޅުން ހުޅުމާލެ އަށް ދަނިކޮށް، ހުޅުމާލޭ ކޮޅުން އައި ކާރެއް ހުޅުލެ އަށް ލަނބާލާ ތަނުން އޭގައި ޖެހިގެންނެވެ. މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގައި އިއްސެ ނޫން މީހަކު އެވަގުތު ދުއްވަމުން ނުދާއިރު ވަރަށް ސާފުކޮށް ފެންނަ ގޮތުގައި ހުޅުމާލޭ ކޮޅުން އައި ހުރިހާ ވެހިކަލެއް، އިއްސެ ލައިޓް ހުރަސްކުރި ގަޑީގައި ނައްޓާލަ އެވެ.
އިއްސެ މަރުވެފައިވަނީ 22 އަހަރު ރާއްޖެއިން ބޭރު އުޅުމަށް ފަހު ދަތުރުވަރިއެއްގައި ރާއްޖެ އައި ދަތުރުގައި އެވެ. އޭނާ އަކީ ތައިލެންޑުގެ ބެންކޮކްގައި ފައިވާނުގެ ވިޔަފާރި ކުރާ މީހެއް ކަމަށެވެ. އެގޮތުން ފައިވާން އުފައްދައި، ރާއްޖޭގެ އިތުރުން އެހެން ގައުމުތަކަށް އެކްސްޕޯޓު ކުރުމުގެ އިތުރުން ރާއްޖެއަށް މުދާ ފޮނުވުމުގެ ވިޔަފާރިވެސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް