އެންމެ ބޮޑު ގޮންޖެހުމަކީ މާކެޓުގެ އަގުތަކާއި ގުޅިގެން ހުރި ގޮންޖެހުންތައް ކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ދޭ އެއްބާރުލުމާއި، ރަނގަޅު އަގު ހޯދަން ކުރާ މަސައްކަތާއެކު، ކުރިއަށް އޮތް ތަނުގައި ނަތީޖާ ފެންނާނެކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އޭނާ ވިދާޅުވީ، ރާއްޖޭގެ މަސް ރޯ މެޓީރިއަލް ގޮތުގައި އެކްސްޕޯޓު ކޮށްގެން އެކަނި ފައިދާ ނުވާނެކަމަށާއި، ރާއްޖޭގައި އެތަކެތި ޕްރޮސެސްކޮށްގެން އާމްދަނީ ހޯދުން އިތުރުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށާއި، ކުންފުނީގައި ވަރުގަދަ ޓީމެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޓީމުން ކެނޑިނޭޅި އެކަމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް ފައުޒީ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފައުޒީ ވަނީ މަސްވެރިންނަށް ދޭ ޚިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް ލޯންޗު ކޮށްފައިވާ "ހޯސާ" އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެ ލުއިފަސޭހަތަށް ވެސް ފާހަގަކުރައްވާފައެވެ.
މިގޮތުން ބިލުތަކުގެ ތަފްސީލާއި ރިޕޯޓު، އަދި އިތުރު މުއައްސަސާތަކަށް ބޭނުންވާ ރިޕޯޓާއި، ބޭންކަށް ލޯނަކަށް އެދޭ ކަމުގައިވާނަމަ، އެކަމާ ގުޅޭ ސްޓޭޓްމަންޓް އެޕްލިކޭޝަން މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
އަދި މި އެޕްލިކޭޝަންގެ ސަބަބުން ބާނާ މަސް ކިރުމަށް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް ކިއު ނަންބަރު ނަގައި، ކިއު ނަންބަރު ބަލައި، މަސްކިރާ ޕޮއިންޓުތައް ހޯދޭނެ ކަމަށް ފައުޒީ ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް