ދުނިޔޭގެ އެންމެ ކުރު ފިރިހެން މީހާގެ ރެކޯޑު އިރާނު މީހަކަށް ލިބުނުކަން އިއުލާނު ކޮށްފި އެވެ.
ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ބުނީ އެ ރެކޯޑު އަލަށް ލިބިފައިވަނީ އަފްޝިން ގަދާޒަދޭހް ކިޔާ އުމުރުން 20 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ދިގުމިނުގައި ހުރީ ދެ ފޫޓު އެއް އިންޗި އެވެ.
އޭނާއަށް އެ މަގާމު ދިނީ 24 ގަޑިއިރު ވަންދެން ތިން ފަހަރު އިސްކޮޅު ބަލައި، އިސްކޮޅަށް ބަދަލެއް ނާންނަކަން ކަށަވަރު ކުރުމަށް ފަހު އެވެ. މިއީ ދުނިޔޭގެ އެންމެ ކުރު ފިރިހެން މީހާގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދި ހަތަރުވަނަ މީހާ އެވެ.
ގިނިސް ވޯލްޑް ރެކޯޑުން ކުރު މީހުން ކަނޑައަޅާ ދެ ގޮތެއް އޮވެއެވެ. އެއީ ހިނގޭ މީހުންގެ ތެރެއިން އެންމެ ކުރު މީހާއާއި ނުހިނގޭ މީހުންގެ ތެރެއިން އެންމެ ކުރު މީހާއެވެ. މީގެ ތެރެއިން އަފްޝިންއަކީ ހިނގޭ މީހުންގެ ތެރެއިން އެންމެ ކުރު މީހާއެވެ.
ހެދި ބޮޑުވުމުގައި ސިއްހީ މައްސަލަތަކެއް ހުރި އަފްޝިން ވިހޭއިރު ބަރުދަނަކީ 700 ގްރާމެވެ. މިހާރު އޭނާގެ ބަރުދަނުގައި ހުރީ 6.5 ކިލޯ އެވެ.
މިހާތަނަށް މި މަގާމު އޮތީ ކޮލަމްބިއާ މީހެއްގެ އަތުގައި އެވެ. އެމީހާގެ އިސްކޮޅު އަފްޝިންއަށްވުރެ ހަތް ސެންޓިމީޓަރު ދިގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް