ފުޓްބޯޅަ ކެރިއަރުގައި އެންމެ ބޮޑަށް ބޭނުންވި ދުނިޔޭގެ ތަށި ހޯދުމަށް ފަހު އަދިވެސް ބޭނުން ވަނީ ރިޓަޔަ ނުކޮށް ގައުމީ ޓީމާއި އެކު ކުރިޔަށް ދިއުމަށް ކަމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ބުނެފި އެވެ.
ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ބުނެފައިވަނީ ކެރިއަރުގައި އެންމެ ބޮޑަށް ބޭނުންވި ކަންތައް ހާސިލް ވެއްޖެ ކަމަށާއި މިހާރުގެ ވިސްނުމަކީ ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި އާޖެންޓީނާ ޓީމަށް އިތުރަށް ކުޅެ ކާމިޔާބީތައް ހޯދުން ކަމަށެވެ.
އުމުރުން 35 އަހަރުގެ މެސީ ވޯލްޑް ކަޕާއި ކުރިމަތިލިރު، ކުރިން ބުނެފައިވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށާއި އަދި ފައިނަލް މެޗަކީ އޭނާ ގައުމީޓީމާއި އެކު ކުޅޭނެ އެންމެ ފަހު މެޗު ކަމަށެވެ.
ނަމަވެސް ރޭގެ ބޮޑު ކާމިޔާބީއަށް ފަހު އުފަލުން ފޮޅިފަައިވާ މެސީ އާޖެންޓީނާގެ ނޫހަކަށް ދިން ބަސްދީގަތުމެއްގައި ބުނީ ރިޓަޔަ ކުރުމުގެ ވިސްނުން ކުރިން ހުރި ނަމަވެސް މިހާރު އެ ވިސްނުން ދޫކޮށް އަލުން ގައުމީ ޓީމާއި އެކު ކުރިޔަށް ދާން ވިސްނައިފިން ކަމަށެވެ.
ދުނިޔޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރު ހޯދާފައިވާ މެސީގެ މޮޅު ކުޅުމާއި އެކު ރޭ އާޖެންޓީނާ އިން ވަނީ އާޖެންޓީނާގެ ފުޓްބޯޅަ ތާރީޚުގައި ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލާފައެވެ.
" އަހަރެން ކެރިއަރު ނިންމާލަން ބޭނުންވީ ދުނިޔޭގެ ތައްޓާއި އެކު. އެކަން ވެއްޖެ، މި އަށް ވުރެ އިތުރަށް ދެން ބޭނުންވާނެ އެއްޗެއް ނެތް، އެހެން ވިޔަސް ރިޓަޔަ ނުކުރާނަން. ބޭނުންވަނީ ޗެމްޕިއަނެއްގެ ގޮތުގަައި ކުރިޔަށް ދާން. " މެސީ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް