ބޮސްނިއާގެ ފޮރިން މިނިސްޓަރު ޑރ. ބިސޭރާ ޓުރްކޮވިޗް، ކ. ތުލުސްދޫ އަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ބޮސްނިއާގެ ހާރިޖީ ވަޒީރު ތުލުސްދޫއަށް ކުރެއްވި ޒިޔާރަތުގައި ރަށުގެ އެކި ސަރަހައްދުތަކަށް ވަޑައިގެން އެތަންތަން ބައްލަވާލައްވާފައިވާ ކަމަށެވެ.
އަދި ޑރ. ބިސޭރާގެ މި ދަތުރުފުޅުގައި ތުލުސްދޫގެ ބައެއް އާންމު ރައްޔިތުންނާއި ވެސް ބައްދަލުކުރައްވާފައި ވެއެވެ. މީގެ އިތުރުން ޑރ. ބިސޭރާ ރާއްޖެއަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އަރިއަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
އެގޮތުން ރައީސްގެ އަރިހަށް އެކަމަނާ ކުރެއްވި ޒިޔާރަތުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއި ޒުވާނުންގެ ތަރައްޤީއާ އަދި ގިނަ ޤައުމުތައް އެކުވެގެން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައެވެ.
ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ވެސް ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ދިވެހިރާއްޖެއާއި ބޮސްނިއާގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ މި އަހަރަށް 25 އަހަރު ފުރޭނެއެވެ. އަދި ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ ޖެނުއަރީ 27، 1997 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް