ބައިނަލްއަގްވާމީ ހިޖުރަވެރިންގެ ދުވަސް ފާހަގަކޮށްފި!

އ.ދ އިން އިސްނަގައިގެން ބައިނަލްއަޤްވާމީ ހިޖުރަވެރިންގެ ދުވަސް ފާހަގަކޮށްފި އެވެ. ކޮންމެ އަހަރެއްގައިވެސް މި ދުވަސް ފާހަގަ ކުރަނީ ޑިސެމްބަރު 18 ގައި އެވެ. ދުނިޔޭގައި ބައިނަލްއަޤްވާމީ ފެންވަރެއްގައި މި...

19 Dec 2022 | 05:31

އ.ދ އިން އިސްނަގައިގެން ބައިނަލްއަޤްވާމީ ހިޖުރަވެރިންގެ ދުވަސް ފާހަގަކޮށްފި އެވެ.

ކޮންމެ އަހަރެއްގައިވެސް މި ދުވަސް ފާހަގަ ކުރަނީ ޑިސެމްބަރު 18 ގައި އެވެ.

ދުނިޔޭގައި ބައިނަލްއަޤްވާމީ ފެންވަރެއްގައި މިދުވަސް ފާހަގަކުރަނީ ތަފާތު ސަބަބުތަކާހުރެ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރާ ފަރާތްތަކުގެ ފަރާތުން މުޖުތަމައުތަކަށްވާ ފައިދާއާއި އެފަރާތްތަކުގެ މުހިއްމުކަން ފާހަގަކޮށް، ގިނަ ހިޖުރަވެރިން ކުރިމަތިލާ ދަތިތައް ހައްލުކުރެވޭނެ ގޮތްތައް ހޯދުމުގެ ބޭނުމުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ސަބަބުތަކާހުރެ ގިނަ އަދަދެއްގެ ބަޔަކު އެއް ގައުމުން އަނެއް ގައުމަށް ކޮންމެ އަހަރަކުވެސް ހިޖުރަކުރެއެވެ. އެއް ބަޔަކު އަމިއްލައަށް ބޭނުންވެގެން ހިޖުރަކުރާއިރު އެތައް މިލިޔަން ބަޔަކު މަޖުބޫރު ހާލަތްތަކެއް ދިމާވެގެން ޤައުމު ދޫކުރަންޖެހެއެވެ. އެގޮތުން ދޭދޭ ޤައުމުތަކުގެ ހަމަނުޖެހުންތަކާއި އިންސާނީ ހައްގުތައް ނުލިބުމާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ނުވަތަ އަމިއްލަ ޤައުމުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމުގެ ގޮތުން ގިނަ ބަޔަކު ހިޖުރަކުރެއެވެ.

ޤައުމު ދޫކޮށް ހިޖުރަކުރާ ކޮންމެ މީހެއްގެވެސް ހަޔާތުގެ ވާހަކައާއި ހިޖުރަކުރާ ސަބަބު ތަފާތުވެއެވެ. އެއްބަޔެއްގެ ދިރިއުޅުމަށޤ އެޅޭ އާ ފިޔަވަޅަކަށް ހިޖުރަކުރުންވެއެވެ. އެގޮތުން ތަޢުލީމު ހޯދުމަށާއި ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް ހޯދުމުގެ ނިޔަތުގައި ޤައުމު ދޫކޮށް އެހެން ޤައުމުތަކުގައި ވަޒަންވެރިވެއެވެ. އެހެންނަމަވެސް އަނެއް ބަޔަކު ހަމަޖެހޭ ހަޔާތެއް ހޯދުމުގެ އުއްމީދުގައި ރަނގަޅު ގާނޫނާއި އިންސާނީ ހައްގުތައް ލިބޭ ގައުމުތަކަށް ހިޖުރަކުރެއެވެ.

ކޮންމެ ސަބަބަކާހުރެނަމަވެސް ޤައުމު ދޫކޮށް ހިޖުރަކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެއެވެ. ހާއްސަކޮށް ހާލުގަޖެހިގެން ރެފިއުޖީންގެ ގޮތުގައި ނުވަތަ ޤައުމު ދޫކުރަން މަޖުބޫރުވެގެން ހިޖުރަ ކުރާ ފަރާތްތަކަށެވެ. އެގޮތުން ސިއްހީ ފަރުވާއާއި ބޯހިޔާވަހިކަންފަދަ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ބޮޑެތި ދަތިތަކާއި އެމީހުން ކުރިމަތިލައެވެ.

ވަޒަންވެރިވާ  ޤައުމުތަކުން ބަލައިނުގަތުމާއި އިންސާނީ ހައްޤުތައް  ނުލިބުމުގެ ވާހަކައަކީ ބޮޑެތި ވާހަކަތަކެވެ. އެހްންނަމަވެސް އެފަރާތްތަކަށްޓަކައި އަޅުގަނޑުމެން އެންމެންނަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމައެއްގެ ހައިސިއްޔަތުން ކުރަންޖެހޭނެ މުހިއްމު ކަމެއް ކަމުގައި ދެކެންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް