ރޯދައަކީ ޢަމަލުތައް ލިޔުއްވާ މަލާއިކަތް ބޭކަލުންނަށް އެއަޅުކަމުގެ އަޖުރުގެ މިންވަރު ކަނޑައަޅުއްވަން އެނގިނުގަންނަވާ، މާތް ﷲ ތަޢާލާއަށް ނިސްބަތްވެގެންވާ މާތް އަޅުކަމެކެވެ.
ރޯދައަކީ އަޅުގަނޑުމެން ނަރަކައިން ސަލާމަތްކޮށްދޭނެ އައްޑަނައެކެވެ. އެހެންކަމުން ވީވަރަކުން ސުންނަތް ރޯދަ ހިފުމަށް އާދަކުރުމަށް މަސައްކަތްކުރަމާތޯއެވެ.
ސުންނަތް ރޯދަ ހިފިދާނެ ގޮތްތަށް:
ހޯމަ ބުރާސްފަތީގައި ރޯދަ ހިފުމަކީ ސުންނަތެކެވެ. ކޮންމެ މަހެއްގެ ތިންދުވަހު ރޯދަ ހިފުންވެސް މެއެވެ. އަދި ސުންނަތުގެ ގޮތުގައި ދެދުހުން އެއްދުވަހުވެސް ރޯދަ ހިފިދާނެއެވެ. އަދި އެއީ އެންމެ ގިނަމިންވަރަށް ރޯދަ ހިފޭނެ ގޮތެވެ.
މީގެ އިތުރުން ޝައުބާން މަހުގެ ރޯދަ ފަދަ ވަކި ދުވަސްތަކަށް ޙާއްސަވެގެން ހިފޭ ސުންނަތް ރޯދަތަކެއްވެސް ވެއެވެ. އެއީ ހައްޖުމަހުގެ ފުރަތަމަ ނުވަ ރޯދައާއި ޢަރަފާތް ދުވަހުގެ ރޯދަ، ޢާޝޫރާ ދުވަހުގެ ރޯދަ، މުހައްރަމު އަދި ޝައުބާން މަހުގެ ރޯދަތަކެވެ.
ކީރިތި މާތް ރަސޫލާ މުހައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ރޯދަޔާއި ބެހޭގޮތުން ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަނގުރާމައިން ރައްކާތެރިކޮށްދޭ ތިޔަބައިމީހުންކުރެ މީހެއްގެ އައްޑަނަ ފަދައިން ރޯދައަކީ ނަރަކައިން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ." އަދިވެސް އެކަލޭގެފާނުގެ ހަދީޘް ބަސްފުޅެއްގައިވެއެވެ. "އާދަމުގެ ދަރިޔާކުރާ ހުރިހާ ޢަމަލެއް ނިސްބަތްވަނީ އޭނާއަށެވެ. އެއީ ރޯދަފިޔަވައެވެ. އެޢަމަލު ނިސްބަތްވަނީ ތިމަން ﷲ އެވެ. އެއަމަލަށް ޖަޒާދެއްވަނީވެސް ޙުދު ތިމަން ﷲއެވެ. އަދި ރޯދަޔަކީ ( ނުބައި ކަންތައްތަކުން އަޅާ މަނާކޮށްދޭނެ) އައްޑަނައެވެ. އަދި ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުރި ދުވަހެއްކަމުގައިވާނަމަ ފާހިޝް އަމަލެއް ނުކުރާހުށިކަމެވެ. އަދި ހަޑިހުތުރު ބަހެއްވެސް ނުބުނާހުށިކަމެވެ. އަދި އަޑުލައި ނުހަދާހުށިކަމެވެ.ފަހެ އޭނާއާއި ދިމާޔަށް މީހަކު ހުތުރު އެއްޗެއް ބުނެފިނަމަ ނުވަތަ މީހަކު އަރައިރުންވެއްޖެނަމަ ބުނާހުށިކަމެވެ. އަހުރެންނަކީ ރޯދައަށް ހުރި މީހަކީމެވެ."
ސުންނަތް ރޯދައަށް ހުންނައިރު، ރޯދައަށް ހުންނަ މީހަކަށް ޢަމަލުކުރެވޭނެ އެންމެ ފުރިހަމައަކަށް ޢަމަލުކުރެވޭތޯ މަސައްކަތްކުރަންވާނެއެވެ. އެގޮތުން ރޯދައަށް ހުރެ ކުރުން ސުންނަތް ކަންތައްތައް ގިނައިންކޮށް ރޯދަ މަކޮރޫހަވާކަންކަމުން ދުރުވުމަށް މަސައްކަތްކުރެވިދާނެއެވެ.
އާއިލާ އެންމެން އެކުގައި ރޯދަވީއްލުމަކީ ކިހާ އުފާވެރި މަންޒަރެއްތޯއެވެ؟ އެގޮތުން ތިބާއާއެކު ތިބާގެ މައިންބަފައިންނާއި، ކޮއްކޮމެންގާތުވެސް ރޯދަޔަށް ހުރުމުގެ މާތް ކަމާއި ބެހޭގޮތުން ކިޔައިދޭށެވެ . އަދި ސުންނަތް ރޯދަ ހިފުމަށް އެމީހުންގެ ހިތުގައި ލޯބި ޖެއްސުމަށް މަސައްކަތްކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް