ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރާއި ގުޅިގެން ހައްޔަރު ކޮށްފައި ހުއްޓަ ދަންޖެހެން މަސައްކަތް ކުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް މަރުވެއްޖެ އެވެ.
ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ފައިސަލް ބަންދުކޮށްފައި ހުރީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި އެވެ. ފުލުހުން ބުނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އޭނާ ހުރި ގޮޅީގައި ދަން ޖެހިގެން މަރުވާން މަސައްކަތް ކުރި ކަމަށެވެ.
އޭގެ ފަހުން ފައިސަލަށް ފަރުވާ ދެމުން ދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެވެ. އެ ހޮސްޕިޓަލުން ކުރިން ބުނީ ހޮސްޕިޓަލަށް ގެންދިޔަރެއިން ފެށިގެން އޭނާއަށް ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސަލް މަރުވީ މިއަދު ހެނދުނ 8:28 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ.
ނިޝާމާ މަރުވެފައި އޮއްވަ ފެނުނީ ފައިސަލް ހައްޔަރު ކުރި ދުވަހުގެ ހެނދުނު އެވެ. އޭނާ ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް މަރުކަޒާއި ހަވާލާދީ ފުލުހުން އެދުވަހު ބުނެފައިވެ އެވެ.
ނިޝާމާގެ މަރާލިކަމުގެ ތުހުމަތު ފައިސަލަށް ކުރިނަމަވެސް އެ ކުށަށް އޭނާ އިއުތިރާފުވިކަމެއް އަދި ނިޝާމާގެ މަރާއި ފައިސަލް އާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ފުލުހުން ވަނީ ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި ހަށިގަނޑު މާލެ ގެނެސްފައި އެވެ. އެކަމަކު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވޭނެ ދުވަހެއް ނޭނގޭ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް