ޑރ. މުހައްމަދު ރަޝީދު އިބްރާހިމްގެ އާއިލާ އެވޯޑާއި ހަވާލުވަނީ -- ފޮޓޯ: ރައީސް އޮފީސް
ދީނީ ރޮނގުން ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފު މިރޭ އަރުއްވައިފިއެވެ.
މި ޝަރަފު އެ މަނިކުފާނަށް އެރުއްވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރެއްވުމާއި ދީނީ ޚިދުމަތުގެ ދާއިރާއިންނެވެ. ޒުވާނުންގެ މަރުކަޒުގައި ބޭއްވި މި ޖަލްސާގައި އެ ޝަރަފު ހަވާލުކުރެއްވީ ރައީސް ޑރ. މުޢިއްޒެވެ. ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަކީ މިޞްރުގެ ޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ރާއްޖެ ވަޑައިގެން، ދީނީ ތަޢުލީމު ފެތުރުއްވުމާއި ރައްޔިތުން ހޭލުންތެރިކުރެއްވުމުގައި ފާހަގަކޮށްލެވޭ ޢަމަލީ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.
1981 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ ގޮތުގައި ސަރުކާރުގެ ޚިދުމަތް ފެށްޓެވި އެ މަނިކުފާނު، ފަހުން އެ އޮފީހުގެ ޚާއްޞަ ވަކީލުކަން ވެސް އަދާކުރެއްވިއެވެ. 1987 ވަނަ އަހަރު އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މުދީރުކަމާ ހަވާލުވެވަޑައިގެން، އެ މަދަރުސާގެ މުޤައްރަރު މުޠާލިޢާ ކުރައްވައި ޘާނަވީ ފެންވަރުން ފެށިގެން ޢަރަބިބަހުން ތަޢުލީމުދޭ ތަނެއްގެ ގޮތުގައި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
އެ މަނިކުފާނުގެ ޢިލްމީ ޚިދުމަތްތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަވަނީ ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި އުފެއްދެވި ކޮމިޓީގައި ކުރެއްވި މަސައްކަތްޕުޅެވެ. 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ ކޮމިޓީގެ ރައީސްކަން ވެސް ފުރުއްވިއެވެ. ރަމަޟާން މަހުގެ އިޙްޔާ ޕުރޮގުރާމުތަކުގައި ތަފާތު މައުޟޫޢުތަކަށް ތަޤްރީރު ކުރެއްވުމާއި، ދިވެހިރާއްޖޭގެ އަޑާއި ޓީ.ވީ. މޯލްޑިވްސްގެ ދީނީ ޕުރޮގުރާމުތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ގިނަ ޢަދަދެއްގެ ހުކުރު ޚުޠުބާ ލިޔުއްވައި، "ދީނުގެ މަގު" ނޫހަށް ކޮންމެ ހަފުތާއަކު ލިޔުއްވަމުން ގެންދެވިއެވެ.
މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި ވެސް ދިގު މުއްދަތެއް ވަންދެން ކިޔަވައިދެއްވި ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަކީ ދީނީ އަދި ޢިލްމީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. ކީރިތި ރަސޫލާ ﷺ ގެ ސީރަތުގެ މައްޗަށް ކުޑަކުދިންނަށް ޚާއްޞަ ސިލްސިލާ ފޮތްތަކެއް ލިޔުއްވައި، ބައިނަލްއަޤުވާމީ ކޮންފަރެންސްތަކުގައި ރާއްޖެ ތަމްސީލުކުރެއްވައި، ބޭރުގެ ޖަމުޢިއްޔާ ޖަމާޢަތްތަކުގައި ވެސް ޚިދުމަތް ކުރައްވާފައިވެއެވެ.
ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް އެންމެ ފަހުން ހުންނެވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެ މަނިކުފާނަށް ފުރަތަމަ އެރުވީ 10 ނޮވެމްބަރު 2008 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް