ޒަމާނީ ތަރައްޤީއަށް ދިވެހީން އަބަދުވެސް މަރުޙަބާ ކިޔާކަން މާޒީން ސާބިތުވޭ: ރައީސް

19 Nov 2026 | 23:20
މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް -- ފޮޓޯ: ރައީސް އޮފީސް

މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް -- ފޮޓޯ: ރައީސް އޮފީސް

ދިވެހީންނަކީ ކުރިއެރުމާއި ޒަމާނީ ތަރައްޤީއަށް އަބަދުވެސް ތަރުހީބުދީފައިވާ ބައެއްކަން ތާރީޚުން ހެކިދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ދުވަހަކީ ދައުލަތުގެ ވެރިކަމާ މެދު ރައްޔިތުން ބަސް އިއްވި ދުވަހެވެ. އެ ދުވަހަކީ ދިވެހީންގެ ފާއިތުވީ ދުވަސްތަކާއި މިހާރާއި ކުރިމަގާ މެދު ފުންކޮށް ވިސްނުމަށް ފުރުޞަތު ލިބޭ މުނާސަބާއެއް ކަމަށް ވިދާޅުވިއެވެ.

އެމަނކުފާނުގެ ވާހަކަފުޅުގައި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި ތަރައްޤީގެ ދާއިރާތައް ކުރިއެރުވުމަށް ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ. އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވި ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.

އެގޮތުން 1966 ހިސާބުގައި ބޭރުގެ ތަޖުރިބާކާރުން ހެދި ފީޒިބިލިޓީ ދިރާސާތަކުން ރާއްޖޭގައި ޓޫރިޒަމް ނުހިންގޭނެ ކަމަށް ނިންމި ނަމަވެސް، ފާޑުކިޔުންތައް ގިރާކުރައްވައި ދެތިން ދިވެހި ބޭފުޅަކު އިސް ނެންގެވި ހިތްވަރުގެ ނަތީޖާ މިއަދު ސާފުކޮށް ފެންނަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

މި ކަންކަމަށް ބަލާއިރު، ދިވެހިންގެ ތެރެއިން ގިނަ ބޭފުޅުން އަބަދުވެސް ކުރިއެރުމާއި ޒަމާނީ ތަރައްޤީއަށް މަރުޙަބާ ވިދާޅުވާކަމަށް ވިދާޅުވި އެވެ. އަދި އިސްކުރައްވަނީ ޤައުމީ ވިސްނުންކަން ސާފުވާކަމަށާއި މާޒީގައި އިސްކަންދީ ތަރުހީބު ދީފައިވަނީ ހޭލުންތެރިކަމާއި މަދަނީ ތަރައްޤީއަށްކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިރޭގެ ވާހަކަފުޅުގައި ރާއްޖޭގެ ދީނީ އަދި ދުސްތޫރީ ދަތުރަށް ވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.

އެގޮތުން ވަށައިގެންވާ މާޙައުލަށް ބެލުމެއް ނެތި ދިވެހީން އިސްލާމްދީން ޤަބޫލުކުރިކަމާއި، ސަރަޙައްދުގެ އެންމެ ފުރަތަމަ ފުރިހަމަ ލިޔެވިފައިވާ ޤާނޫނުއަސާސީ ބަލައިގަތީ ވެސް ދިވެހީން ކަމަށް ވިދާޅުވިއެވެ. ރަސްކަމުން ފެށި ދަތުރު، އިންތިޚާބީ ރަސްކަމެއް ހުރަސްކޮށް ޖުމްހޫރީ ވެރިކަމަކާ ހަމައަށް، އަދި ޒަމާނީ ޑިމޮކްރަސީއާ ހަމައަށް ގެންދިޔައީ ޤައުމަށް އެންމެ ފައިދާހުރި މަގު ރައްޔިތުން ދެނެގެން ކަމުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ 4,000 އަހަރުވީ ތާރީޚުގައި ވަރަށް ފަހަކާ ޖެހެންދެން އެއް ލައްކަ މީހުން ހަމަނުވާ ކުޑަ އާބާދީއަކުން ބޮޑު ސަރަޙައްދެއް މިނިވަންކަންމަތީ ދެމެހެއްޓުމަކީ މާތް ﷲ ގެ މަތިވެރި ނިޢުމަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ދުނިޔޭގެ މީޑިއާތަކުން ފެންނަ، އަމިއްލަ ބިމެއް ނެތުމުން އަނިޔާ ލިބެމުންދާ އެތައް މިލިއަން ބައެއްގެ ހިތްދަތިކަމާ އަޅައިބަލާއިރު ދިވެހީން ޝުކުރުވެރިވާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޖަލްސާ ނިންމަވައިލައްވަމުން ރައީސް ވަނީ ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގައި ކޮންމެ ފަރުދަކު ވެސް ޒިންމާ އަދާކޮށް، ޤައުމުގެ ކުރިމަގަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް