ޗާގޮސް --
މި އަހަރު ނިމުމުގެ ކުރިން ޗާގޯސްގެ ރަށްތައް ހަވާލުނުކޮށްފި ނަމަ އިނގިރޭސިވިލާތާ ދެކޮޅަށް ޤާނޫނީ ދައުވާ އުފުލާނެ ކަމުގެ އިންޒާރު މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލާމް ދެއްވައިފި އެވެ..
ރާމްގޫލާމް ވިދާޅުވީ އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް އާ ބައްދަލުކުރެއްވުމަށް ފަހު، އިނގިރޭސި ސަރުކާރާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމުގެ ތައްޔާރީތައް މިހާރު ނިންމާފައިވާ ކަމަށެވެ. މި މައްސަލަ ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ރާމްގޫލާމް ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުމެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ސާކިއާ ސްޓާމާގެ ދައުރުގައި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ދެ ފަރާތުން އެއްބަސްވި ނަމަވެސް، ޑޮނަލްޑް ޓްރަމްޕް އެ އެއްބަސްވުމާ ދެކޮޅު ހެދުމުން ކަންކަން ހުއްޓުމަކަށް އައީއެވެ. މިދިޔަ ސެޕްޓެމްބަރުގައި ބާންހަމް އާ ބައްދަލުކުރައްވައި ޓްރަމްޕް ވަނީ އެއީ "ވަރަށް ގޯސް އެއްބަސްވުމެއް" ކަމަށް ބުނެ، ޑިއޭގޯ ގާސިއާގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މުޢާހަދާގެ ދަށުން ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން އެއްބަސްވެ، ފުރަތަމަ ތިން އަހަރު އަހަރަކު 165 މިލިއަން ޕައުންޑް އަދި އޭގެ ފަހުން 120 މިލިއަން ޕައުންޑް ދެއްކުމަށް ހަމަޖެއްސިއެވެ. ނަމަވެސް މިދިޔަ އެޕްރީލް މަހު އިނގިރޭސި ޕާލަމެންޓުން ވަނީ އެ މުޢާހަދާ ތަސްދީޤުކުރުން ހުއްޓުވާފައެވެ.
މި މަހު ކުރީކޮޅު އެންޓީގާގައި ބޭއްވި ކޮމަންވެލްތު ސަމިޓުގެ ހަވާސާގައި ދެ ލީޑަރުން ބައްދަލުކުރެއްވި އިރު، އަހަރު ނިމުމުގެ ކުރިން ކުރިއެރުމެއް ހޯދުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށް ބާންހަމްގެ އޮފީހުން ބުނެފައިވެއެވެ. ހަމައެއާ އެކު، އެމެރިކާގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް އެއްބަސްވުމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން އެމެރިކާ އާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ބާންހަމް ވިދާޅުވެފައިވެއެވެ.
ރާމްގޫލާމް ވިދާޅުވެފައި ވަނީ އަސްކަރީ ސަލާމަތީ ކަންކަމަށް މޮރިޝަސްގެ ފަރާތުން އެއްވެސް ހުރަހެއް ކުރިމަތި ނުކުރާނެ ކަމަށާއި، މުޢާހަދާ ތަންފީޒުވެއްޖެ ނަމަ ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒަށް މިހާރު ނެތް ޤާނޫނީ ޔަޤީންކަން ބައިނަލްއަޤުވާމީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރުވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް