ޢަމާން އުދަރެސް ފްލެޓުތަކެއް --
އަމާން އުދަރެސް ދެ ވަނަ ޓަވަރުގެ ބައެއް ޔުނިޓުތަކުން އިއްޔެ ކެނޑުނު ކަރަންޓުގެ ޚިދުމަތް ރޭ އަލުން ޤާއިމުކޮށް، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ހިންގި ތަޙުޤީޤުން އެނގުނީ ކަރަންޓު ކެނޑެން މެދުވެރިވީ އާތިންގ ނަރުތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ގިނަ ޢަދަދެއްގެ އީއެލްސީބީ ތަކަށް ގެއްލުންވެގެން ކަމަށެވެ. ގެއްލުންވި ހުރިހާ އީއެލްސީބީއެއް ރޭ ބަދަލުކޮށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މައްސަލަ ޖެހުނު އާތިންގ ނިޒާމު މަރާމާތުކޮށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި، އެ މަސައްކަތް ހިނގާ ވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރާފާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. އެހެންކަމުން ޓަވަރުގައި ދިރިއުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އީއެލްސީބީތައް ބަދަލުކޮށްފައި ވީ ނަމަވެސް، އިތުރު މައްސަލައެއް ފާހަގަވެގެން ރިޕޯޓުކުރާ ޔުނިޓުތަކަށް މެދުނުކެނޑި ޓެކްނިކަލް އެހީތެރިކަން ދެމުން ގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. މި ފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ގުޅިގެން ވެސް އެފްޑީސީން ދަނީ މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް