ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ޢައްބާސް އިބްރާހީމަށް އަރުވައިފި

19 Nov 2026 | 23:37
އައްބާސް އިބްރާހީމަށް މިރޭ ރައީސް އިނާޟު ހަވާލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އައްބާސް އިބްރާހީމަށް މިރޭ ރައީސް އިނާޟު ހަވާލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އަރުވައިފިއެވެ.

މި ޝަރަފު އެމަނިކުފާނަށް އެރުވީ ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައެވެ. މ. ސިލްވަރކްލައުޑް، ޢައްބާސް އިބްރާހީމަކީ ދިވެހިބަހުގެ ގަވާއިދަށް ފުން ޢިލްމެއް ލިބިވަޑައިގެން ހުންނެވި، ވާހަކަ ދެއްކުމުގެ ފަންނުގައި ނަމޫނާ ބޭފުޅެކެވެ. އެމަނިކުފާނު ޚަބަރު ލިޔުއްވަން ފެށްޓެވީ 1959 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެންނެވި ހިސާބުންނެވެ. ރޭޑިއޯއިން ބޭރު ޚަބަރު އަޑުއައްސަވައިގެން ރީތި ދިވެހިބަހުން ތަރުޖަމާ ކުރެއްވުމަކީ އެ ދައުރުގައި ފާހަގަކޮށްލެވޭ މަސައްކަތްޕުޅެކެވެ.

Advertisement

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ރައީސްކަމުގެ މަގާމު 22 ޑިސެމްބަރު 1996 ގައި ސަރުކާރުން ދެއްވީއްސުރެ ގާތްގަނޑަކަށް 12 އަހަރު އެ މަގާމުގައި ޚިދުމަތް ކުރެއްވިއެވެ. އެ މުއްދަތުގައި ހާސިލުކުރެއްވި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2000 ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރައްވައި ކޮމްޕިއުޓަރުން ބެލޭ ގޮތް ހައްދަވައިދެއްވުމެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ބައްލަވައި ބަސް ފުރިހަމަކުރެއްވުމާއި، ވާހަކަ ލިޔުއްވުމާއި، މަޒުމޫނު ލިޔުއްވުމާއި، ޅެންވެރިކަމުގެ ރޮނގުންވެސް ޚިދުމަތް ކުރައްވާފައިވެއެވެ. ދިވެހިބަހުގެ އެކެޑަމީގެ ގަވާއިދު ކޮމިޓީގެ ރައީސްކަމުގައި މިހާރުވެސް ހުންނެވީ އެމަނިކުފާނެވެ.

1979 ވަނަ އަހަރު ރޭޑިއޯ މޯލްޑިވްސްއާ އަލުން ގުޅިވަޑައިގެން ޕުރޮގުރާމުތަކަށް ބޮޑެތި ބަދަލުތައް ގެންނެވިއިރު، ދިވެހި ބަހާއި އަދަބިއްޔާތަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. ދައުލަތުން ވަނީ ތަފާތު ފަހަރުމަތިން އެމަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފައެވެ. އެ ގޮތުން 1985 ގައި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 1990 ގައި މިނިވަން 25 ގެ އިނާމާއި، 2004 ގައި ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ. ނޫސްވެރިކަމުގެ ރަން ގަލަމާއި އަލިމަސް ގަލަމާއި މީޑިއާ ކައުންސިލުގެ "ޙަޔާތުގެ އަރުތަ" އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައި މިހާރު ހުންނެވި ޢައްބާސް އިބްރާހީމް ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 67 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް