ފޮޓޯ: އެމްއެންޔޫ
ދެކުނު އޭޝިއާގެ އެންމެ ނުފޫޒުގަދަ އެއް ޝާޢިރު އަދި ފިލޯސަފަރު ޑރ. ޢައްލާމާ މުޙައްމަދު އިޤުބާލުގެ ޙަޔާތާއި ފިކުރީ ތަރިކައާ ގުޅޭ ޚާއްޞަ ރަސްމިއްޔާތެއް އިއްޔެ ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ކުރިޔަށް ގެންދިޔައީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަން ގުޅިގެންނެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނާއި އެކެޑެމިކް ބޭފުޅުންނާއި ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނު މުޖުތަމަޢުގެ މެންބަރުން ބައިވެރިވެފައިވެއެވެ. އިޤުބާލު އަދަބިއްޔާތަށާއި ފަލްސަފާއަށާއި ޤައުމީ ވަންތަކަމުގެ ފިކުރަށް ކޮށްދެއްވި ޚިދުމަތްތަކާ މެދު ބައިވެރިން މި ރަސްމިއްޔާތުގައި ވިސްނައި ބަހުސްކޮށްފައިވެއެވެ.
ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ދަރިވަރުންގެ ބަހުސެވެ. މި ބަހުސްގެ މައުޟޫޢަކީ "ޢައްލާމާ އިޤުބާލުގެ ތަރިކަ: ޤައުމީ ވަންތަކަމަށް ހިތްވަރު ދިނުންތޯ ނުވަތަ އިންސާނިއްޔަތަށް ޓަކައި ދުނިޔޭގެ ފިކުރު ބައްޓަންކުރުންތޯ" މި ސުވާލެވެ.
ބައިވެރި ދަރިވަރުން ވަނީ އިޤުބާލުގެ ފިކުރުގެ ދެ ފަރާތް ކަމުގައިވާ ޤައުމީ ހޭލުންތެރިކަމާއި ސިޔާސީ ވިސްނުމަށް ކުރެއްވި ނުފޫޒާއި، އިންސާނީ ކަރާމާތާއި އަމިއްލަ ތަރައްޤީއާއި މިނިވަންކަމާ ގުޅޭ ގޮތުން އެ ފިކުރުތައް ދުނިޔެއަށް މުހިންމުވާ މިންވަރާ މެދު ހިޔާލު ހުށަހަޅައި ބަހުސްކޮށްފައެވެ. މީގެ ތެރެއިން ދަރިވަރުންގެ ތަޙުލީލީ ވިސްނުމާއި ދިރާސާ ކުރުމުގެ ހުނަރާއި ތަފާތު ނަޒަރިއްޔާތަކާ މެދު ޚިޔާލު ބަދަލުކުރުމުގެ ޤާބިލުކަން ފެނިގެން ގޮސްފައިވެއެވެ.
މި ރަސްމިއްޔާތުން ތަޢުލީމުގެ ޒަރީޢާއިން ފިކުރީ ޝައުޤުވެރިކަން އާލާކުރުމާއި ސަގާފީ ގުޅުންތައް ވަރުގަދަކުރުމުގެ މުހިންމުކަން ހާމަވެގެން ގޮސްފައިވެއެވެ. ދަރިވަރުންނާއި ޑިޕްލޮމެޓިކް މުޖުތަމަޢު އެއް ޕްލެޓްފޯމެއްގައި ގެނެސް، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ ތަޢުލީމީ އަދި ސަގާފީ ގުޅުން އިތުރަށް ބަދަހިކުރުމަށް މި ހަރަކާތުން މަގު ފަހިވެފައިވެއެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި މި ހަރަކާތަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފެންވަރު ރަނގަޅު ތަޢުލީމާއި ޞުލްޙައާއި ޢަދުލުވެރިކަމާއި ބައިނަލްއަޤުވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުން ކުރިއެރުވުމުގެ ގޮތުން ޔުނިވަރސިޓީން ކުރާ މަސައްކަތުގެ ބައެކެވެ. މިފަދަ ހަރަކާތްތައް މެދުވެރިކޮށް ދުނިޔޭގެ ތަފާތު ފިކުރީ ތަރިކަތައް ދެނެގަނެ، މުޖުތަމަޢަށް ފައިދާ ކުރާނެ ހުނަރާއި ޢިލްމު ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ އެ ޔުނިވަރސިޓީގެ އަމާޒެއް ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް