ފޮޓޯ: ދިރާގު
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" (ޑީ.އެމް.ޖީ.ސީ) 2026 ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 26 އިން ފެށިގެން 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި އަހަރުގެ ޗެމްޕިއަންޝިޕްގައި ޖުމްލަ ފަސް ކުޅިވަރެއް ހިމަނާފައިވާނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
އޭގެ ތެރޭގައި ވީޑިއޯ ގޭމްތަކާއި ޓޭބަލްޓޮޕް ބޯޑް ގޭމްތައް ހިމެނެއެވެ. އެގޮތުން، ވީޑިއޯ ގޭމްތަކުގެ ތެރެއިން ހިމެނޭ "އީ.އޭ ސްޕޯޓްސް އެފް.ސީ 27" ކުރިއަށްދާނީ 1v1 ނޮކައުޓް އުސޫލުންނެވެ. އަދި "ޓެކެން 8" މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު 1v1 ޑަބަލް އެލިމިނޭޝަން ފޯމެޓަށެވެ.
މީގެ އިތުރުން، އީ.އޭ ސްޕޯޓްސް އެފް.ސީ 27 މުބާރާތުން ވަނަވަނައަށް ދާ ކުޅުންތެރިންނަށް 25،000 އާ 27،000އާ ދެމެދު ފައިސާގެ އިނާމުތައް ވަނީ ކަނޑައަޅާފައެވެ.
އީ-ސްޕޯޓްސް ގޭމްތަކުގެ އިތުރުން، މިއަހަރުގެ މުބާރާތުގައި ޓޭބަލްޓޮޕް ދެ ކުޅިވަރެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި، 5،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ބާއްވާ "ކަޓާން" ބޯޑް ގޭމް މުބާރާތުގެ އިތުރުން، ދެމީހުންގެ ޓީމުތަކުގެ މެދުގައި ވާދަކުރާ "ވޯހޭމަރ 40,000: ކިލް ޓީމް ބްލިޓްޒް" މުބާރާތް ހިމެނެއެވެ.
މި މުބާރާތުގައި 12 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ބައިވެރިވެވޭނެ އެވެ. މީގެ ތެރެއިން އީ.އޭ ސްޕޯޓްސް އެފް.ސީ 27، ޓެކެން 8 އަދި ކިލް ޓީމް ބްލިޓްޒްގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 23:59 އެވެ. އަދި ކަޓާން އަދި ވޯހޭމަރ 40،000 ގައި ބައިވެރިވުމުގެ ފުރުސަތު، މުބާރާތް ނިމެންދެން ވަނީ ހުޅުވައިލައިފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިންގ އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުންދާ މަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް