ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެކަމަށް ތާއީދު ކުރެއްވީ، މައްޗަންގޮޅި މެދުދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
މިގޮތަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ޝަރީފް ވިދާޅުވީ ފިނޭންސް މިނިސްޓްރީން ބަޖެޓު ފޮނުވާފައިވާ ގޮތަށް ބަދަލެއް ނުގެނެސް، ފާސްކުރަން ހުށަހަޅަނީ، އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތިވެއްޖެ ހަލާތެއްގައި ކޮންމެހެން ބޭނުންވާ ހަރަދުތައް ކޮންޓިންޖެންސީ ބަޖެޓް މެދުވެރިކޮށް ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދީފައިވާތީ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓު މި އަހަރުގެ ބަޖެޓަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އެވެ.
އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މިއީ މި އަހަރުގެ އާމްދަނީއަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 77 ޕަސެންޓަކީ ޓެކްސް އިން ލިބޭ އާމްދަނީ އެވެ. ޓެކްސް އިން ލިބޭނެ ކަމަށް ލަފާކުރަނީ 33.6 ބިލިއަން ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް