ޚަރަދުކުޑަކުރުމުގެ ގޮތުން، އާސައިންދައިގެ ދަށުން ތަކުރާރުކޮށް ހަދާ ޓެސްޓުތައް ހުއްޓުވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާ އެކު މިހާރު ކުރަމުން އަންނަ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިފަދައިން ވިދާޅުވީ އާސަންދައިގެ ޚިދުމަތްތަކުގެ އަގުތަކާއި އެ ސްކީމްގެ ދަށުން ދޫކުރެވޭ ބޭހުގެ އަގުތަކާ ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޒީނިޔާ ވިދާޅުވީ، ތަކުރާރުކޮށް ހެދޭ ޓެސްޓްތައް ހުއްޓުވޭނެ ގޮތެއް ހޯދަން ހެލްތު މިނިސްޓްރީއާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ސިސްޓަމް ތެރެއަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު އާސަންދައިން ދޭ ޚިދުމަތްތަކުގެ އަގުތައް ކޮންޓްރޯލްކުރުމަށް ހެލްތު މިނިސްޓްރީއާ އެކު ޓްރީޓްމަންޓް ގައިޑްލައިންތަކެއް ހަދަމުންގެންދާ ކަމަށް ވެސް ޒީނިޔާ ވިދާޅުވިއެވެ.
އެގޮތުން، އުންމީދުކުރަނީ ޓްރީޓްމަންޓް ގައިޑްލައިންތައް ތަންފީޒުވާ ހިސާބުން ހުރިހާ ހޮސްޕިޓަލްތަކަކުން ވެސް އެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށްދާނެ ކަމަށްކަން އޭނާ ވިދާޅުވިއެވެ. އޭރުން ބޭކާރު ޓެސްޓްތައް ހެދުން ކުޑަވާނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ދައުލަތަށް ބުރައަކަށް ވެފައިވާ އާސަންދައިގެ ޚަރަދު ކުޑަކޮށް, ދެމެހެއްޓެނިވި ގޮތެއްގައި އެ ޚަރަދު ބެލެހެއްޓުމަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށް ވެސް ޒީނިޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެކަން ފާހަގަކުރައްވާ މިއަދު އޭނާ ވިދާޅުވީ، އެ ޕެކޭޖުތަކެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެ ޕެކޭޖުތައް ހެދުމުން އެ ޕެކޭޖުތަކަށް އެއްބަސްވާ ފަރާތްތަކާ އެކު އާސަންދަ ފޯރުކޮށްދިނުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް