2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ބިޑްކޮށްފައިވާ ސައުދީ އަރައްބިޔާއިން, އެ މުބާރާތުގެ މެޗުތައް ކުޅުމަށް ރިޔާދުގައި ބިނާކުރާ ސްޓޭޑިއަމްގެ ވީޑިއޯއެއް އާބްމުކޮށްފިއެވެ.
މި ވީޑިއޯ އާންމުކުރުމަށް ފަހު ސައުދީ އަރަބިއްޔާގެ ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ސްޓޭޑިއަމްގެ ހުރިހާ މަސައްކަތެއް 2029 ވަނަ އަހަރުގެ ފަހު ކުއާޓަރ ގައި ނިމޭނޭ ކަމަށާއި މި ސްޓޭޑިއަމަކީ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ޓީމުގެ ބޭސް ކަމަށެވެ.
އަދި މި ތަނުގައި އިންޑޯ ސްޕޯޓްސް ހޯލަކާއި އަދި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލަކާއިއެކު ސްޕޯޓްސް ކޮމްޕްލެކްސް އެއްވެސް ގާއިމު ކުރެވިގެންދާނެ ކަމަށް ބުނެފައިވެއެވެ.
ކިންގް ސަލްމާން ސްޓޭޑިއަމްގެ ނަމުން ނަން ދީފައިވާ 92 ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ފަރުމާ ކޮށްފައިވަނީ ހަނަފަސް ސަހަރާ ތެރޭގައި ބޮޑު ހިލަ ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ އިމާރާތެއްގެ ގޮތުގައެވެ. އަދި ސްޓޭޑިއަމް އަށް ޖުމުލަ390 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ފީފާއިން ރަސްމީކޮށް އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ. މި މުބާރާތް ބޭއްވުމަށް 2023 ވަނަ އަހަރުގެ ނިޔަލަށް ބިޑް ހުށައެޅުމަށް މުއްދަތު ދިންއިރު، ސައުދީ އަރަބިއްޔާ ނޫން އެހެން އެއްވެސް ގައުމަކުން މި މުބާރާތް ބޭއްވުމަށް ބިޑްކޮށްފައެއް ނުވެ އެވެ.
ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކުރުމަށްފަހު ސައުދީ އަރަބިއްޔާއިން ދަނީ ފުޓްބޯޅަ އަށް އިންތިހާއަށް ހޭދަ ކުރަމުންނެވެ. އެގޮތުން އެ ގައުމުގެ ލޯގު ޕްރޮމޯޓްކޮށް ވަރުގަދަ ކުރުމުގެ ގޮތުން ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ބޮޑު މުސާރަ ދިނުމަށްފަހު ވަނީ ގެންގޮސް ދުނިޔޭގެ ސަމާލުކަން ސައުދީ ލީގަށް ހުއްޓުވާފަ އެވެ.
ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޔާރިސް އަލް މިސެހާލް ބުނެފައިވަނީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ސައުދީ އަރަބިއްޔާއަށް އައިސްފައިވާ ތަރައްގީ ބެލުމަށް މުޅި ދުނިޔެއަށް ދެވޭ ދައުވަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް